މުސާރަ ބޮޑު ކުރާނެކަމުގެ ޔަގީންކަމާ އެކު މޯލްޑިވިއަންގެ ޕައިލެޓުން ކުރަމުން އައި އިހުތިޖާޖު ހުއްޓާލައިފިއެވެ.
"އައްޑޫލައިވް"އާ ވާހަކަ ދެއްކި މޯލްޑިވިއަންގެ ޕައިލެޓަކު ބުނެފައިވަނީ އައިލެންޑެ އޭވިއޭޝަންގެ މެނެޖިން ޑިރެކްޓަރު މުހަންމަދު މިހާދު ރޭ ޕައިލެޓުންނާ ބައްދަލުކުރި ކަމަށެވެ.
އަދި އެ ބައްދަލުވުމުގައި އަންނަ މަހުން ފެށިގެން މުސާރަ 80 ޕަސެންޓަށް ބަދަލު ކުރުމަށް އެއްބަސްވެފައިވާކަމަށާއި، އަދި ޖެނުއަރިއިން ފެށިގެން ހަމަ މުސާރަ އަށް އިއާދަކޮށްދޭން އެއްބަސްވެފައިވާކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ފްލައިޓްތައް އުދުހުން ހުއްޓާލުމުން ޕައިލެޓުންގެ މުސާރަ ވަނީ 9000 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި އޭގެފަހުން މުސާރަ 30 ޕަސެންޓް އިތުރު ކޮށްފައިވެއެވެ.
ޕައިލެޓުންގެ ޝަކުވާތަކާ ގުޅިގެން މިއަދު ޕައިލެޓުންނާއި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްވެސް ބައްދަލުކުރައްވާފައިވެއެވެ. "އައްޑޫލައިވް"އާ ވާހަކަ ދެއްކި ޕައިލެޓުން ބުނެފައިވަނީ އެ ބައްދަލުވުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، އަދި ހުރި ކަންބޮޑުވުންތައް ރައީސް އާ ހިއްސާކޮށްފައިވާކަމަށވެެ.