Last Updated: June 30, 09:21
Tuesday, June 30, 2026
ޚަބަރު

އަލީ މޫސާގެ ކާރު އަންދާލައިފި

ޕީޕީއެމްގެ ހިތަދޫ އިސް ބޭފުޅެއްކަމަށްވާ ހިތަދޫ، މަސަލަސް، އަލީ މޫސާގެ ކާރުގައި ރޭ ބަޔަކު ރޯކޮށް އަންދާލައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރުގައި ރޯކޮށްލާފައިވަނީ ރޭ ދަންވަރު 2:15 ހާއިރުގައެވެ. އަދި ރޯވި އަލިފާން ގަނޑު ނިއްވާލެވިފައިވަނީ ދަންވަރު 3 ޖަހަން އުޅެނިކޮށެވެ. މިހާދިސާގައި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މަސަލަސް ގޭގައި ޕާކްކޮށްފައި އޮތް ކާރެއް ރޯކޮށްލައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން އެތަނަށް ދެވުނު އިރު ކާރުގައި ރޯކޮށްފައިވާ އަލިފާން ގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ ކާރުގައި ރޯކޮށްލާފައިވަނީ ފަހަތު ބިއްލޫރިގަނޑު ތަޅާލައި އެތެރެއަށް ޕެޓްރޯލް އަޅައިގެންކަމަށެވެ. އަދި ހާދިސާ ހިނގި ސަރަހައްދުން އެކަމަށް ބޭނުން ކުރި ސާމާން ފެނިފައިވާކަމަށެވެ.

އަލީ މޫސާއަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން އޮފިސަރެއްގެ މަގާމު އަދާކުރަމުން އަންނަ ބޭފުޅެކެވެ. އޭނާ އަށް ތަފާތު ފަހަރުމަތިން އިންޒާރު ދީފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ހާދިސާ އާއި ގުޅިގެން އަލީ މޫސާއަށް ގުޅޭ ގޮތް ވަނީ ނުވެފައެވެ.

މިއީ މިއަހަރު މިހާތަނަށް ހިތަދޫގައި ހުޅުޖަހައި ކާރު އަންދާލި ދެވަނަ ހާދިސާއެވެ. މީގެ ކުރިންވެސް ޕީޕީއެމްގެ ޖަގަހެއް ކުރިމަތީ ޕާކް ކޮށްފައި އޮތް ބީއެމްޑަބްލިއު ކާރެއްވަނީ ރޯކޮށް އަންދާލާފައެވެ.