ރާއްޖޭގައި މިވަގުތު 281،000 ބިދޭސީން އުޅޭކަމަށް ރެކޯޑް ކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒް މި މައުލޫމާތުތައް ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން އަލީ އާޒިމް ކުރި ސުވާލުގައި ބުނެފައިވަނީ މިވަގުތު ދިވެހިރާއްޖޭގައި ކިތައް ބިދޭސީން ގަވައިދުންނާއި ނުގަވައިދުން މަސައްކަތްކުރަމުންދޭތޯ އާއި ބަންގްލަދޭޝްގެ ކިތައް މީހުން ރާއްޖޭގައި މަސައްކަތް ކުރަމުންދޭތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރާއްޖޭގައި 281،000 ބިދޭސީން އުޅޭ ކަމަށް މިހާތަނަށް ސާފު ކުރެވުނު ރެކޯޑްތަކުން ދައްކާ ކަމަށާއި، އޭގެ ތެރޭގައި 63،750 މީހުންނަކީ ބަންގްލަދޭޝްގެ ރައްޔިތުންކަމަށް ރެކޯޑްތަކުން ދައްކާކަމަށެވެ. އެހެންނަމަވެސް ކުރިން ބިދޭސީންގެ ރެކޯޑްތައް ބަލަހައްޓަން ބޭނުންކުރި މައިގްރޭޝަން ޑޭޓާ ބޭސްތަކުން ބިދޭސީންގެ ޑޭޓާ ރަނގަޅަށް ބަލަހައްޓައިފައި ނުވާތީ ބިދޭސީންގެ ސީދާ އަދަދު ސާފު ނުކުރެވޭކަން ފާހަގަކުރެއްވިއެވެ.
ބަންގްލަދޭޝަށް ނިސްބަތްވާ ފަރާތްތަކަށް ދޫކޮށްފައިވާ ވޯކްޕާމިޓް:
2013 ވަނަ އަހަރު 14000، 2014 ވަނަ އަހަރު 18800، 2015 ވަނަ އަހަރު 26،000، 2016 ވަނަ އަހަރު 22،000، 2017 ވަނަ އަހަރު 8000، 2018 ވަނަ އަހަރު 27،000، 2019 ވަނަ އަހަރު 11،000، 2020 ވަނަ އަހަރު 89، 2021 ވަނަ އަހަރު 24.
އިންޑިއާއަށް ނިސްބަތްވާ ފަރާތްތަކަށް ދޫކޮށްފައިވާ ވޯކްޕާމިޓް:
2013 ވަނަ އަހަރު 4000، 2014 ވަނަ އަހަރު 4500، 2015 ވަނަ އަހަރު 6500، 2016 ވަނަ އަހަރު 8300، 2017 ވަނަ އަހަރު 14،800، 2018 ވަނަ އަހަރު 5000، 2019 ވަނަ އަހަރު 11،000، 2020 ވަނަ އަހަރު 5000، 2021 ވަނަ އަހަރު 7000.
ވޯކްޕާމިޓް ދޫކޮށްފައިވާ ޖުމުލަ އަދަދު:
2013 ވަނަ އަހަރު 25،900، 2014 ވަނަ އަހަރު 32،400، 2015 ވަނަ އަހަރު 42،600، 2016 ވަނަ އަހަރު 44،800، 2017 ވަނަ އަހަރު 39،800، 2018 ވަނަ އަހަރު 57،000، 2019 ވަނަ އަހަރު 42،000، 2020 ވަނަ އަހަރު 11،000، 2021 ވަނަ އަހަރު 14،000.