Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ކްރިމިނަލް ކޯޓާއި މެޖިސްޓްރޭޓް ކޯޓްތަކަށް ފަނޑިޔާރުން އައްޔަނުކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީންގެ ގޮތުގައި އައްޔަނުކުރެވުނު ދެފަރާތް--

ކްރިމިނަލް ކޯޓަށާއި ތިން މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނު ކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފައިވަނީ ކްރިމިނަލް ކޯޓަށް އައްޔަނުކޮށްފައިވަނީ އަލްއުސްތާޛު ޢަލީ ނަދީމް އަދި އަލްއުސްތާޛު އިސްމާޢީލް ޝަފީޢު އެވެ.

އަލްއުސްތާޛު ޢަލީ ނަދީމް ވަނީ މިޞްރުގެ އަޒްހަރު ޔުނިވާރސިޓީއިން ޝަރީއާވަލްޤާނޫނުގެ ޑިގްރީ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛު ޢަލީ ނަދީމް ވަނީ ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަޤާމުގައި 2 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

އަލްއުސްތާޛު އިސްމާޢީލް ޝަފީޢު ވަނީ ޔޫކޭގެ ކާރޑިފް ޔުނިވާރސިޓީއިން ބެޗެލާރސް އޮފް ލޯ ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛު އިސްމާޢީލް ޝަފީޢު ވަނީ ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަޤާމުގައި 2 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން އަމިއްލަ ލޯ ފާމް ތަކުގައިވެސް ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރައްވާފައިވެއެވެ.

މީގެއިތުރުން މެޖިސްޓްރޭޓުން އައްޔަނުކޮށްފައިވަނީ ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ބ.ދަރަވަންދޫ، ކުރިކީލަގެ، މަރްޔަމް އިފްހާމް ނާޝިދު، ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ގއ.ގެމަނަފުށި، މިސްކިތްދޮށުގެ، ޢަބްދުއްސަލާމް އަދި ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ގއ.މާމެންދޫ، މައިސަން، ވިޝާޙް ވަޖީދް އެވެ.