Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ރާއްޖޭގައި މިހާރު ހިއުމަން ޓްރެފިކިންއެއް ނެތް: މިނިސްޓަރު ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި މިހާރު ހިއުމަން ޓްރެފިކިން ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގައި އިންސާނީ ވަގުފާރި އޮތްމިންވަރާއި ގުޅޭގޮތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ އަމަލުތައް ބޮޑަށް ހިނގަނީ ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ކަމަށެވެ. އަދި އެކަމަކީ އެމީހުން ދިވެހިންނާއި އެކި އިދާރާތަކުގެ މީހުންނާވެސް ގުޅިގެން ހިންގާފައި ހުރި ކަންކަންކަމަށެވެ.

"މިއީ ގާނޫނާ ހިލާފު ހިއުމަން ޓްރެފިކިންގެ ވިޔަފާރި. މައިގަނޑުކޮށް އެކަމުގައި އުޅެނީ ބަނގުލަދޭޝް މީހުން. އެކަމުގައި ހިމެނޭ ދިވެހިން ވެސް. އަދި ސަރުކާރު މުއައްސަސާތަކުގެ މީހުން ވެސް" ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ މީގެކުރިން ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިނގަމުން އައިސްފައިވަނީ އެކަން ރަނގަޅަށް މޮނީޓާރކޮށް ނުބެލެހެއްޓުމުން ކަމަށާއި، އެހެންނަމަވެސް އެމަނިކުފާޏު މަގާމާ ހަވާލުވި ފަހުން ނގުލަދޭޝުން ލޭބާ މޮރިޓޯރިއަމް ކެޓަގަރީއެއް ގެނައުމާ ގުޅިގެން ހިއުމަން ޓްރެފިކިންގެ އަމަލު ހުޓުވިފައިވާކަމަށެވެ. އެހެންނަމަވެސް ރަނގަޅު ކުރަންޖެހޭކަންކަން އަދިވެސް އެބަހުރިކަމަށް ވިދާޅުވިއެވެ.