Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ސެޓްލްމެންޓް ކޮމިޓީން ކުރި މަސައްކަތް ސާފުކޮށްދީ ރައީސް އޮފީހުން އޭސީސީއަށް ރައްދު ދީފި

އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

ދައުލަތުން މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދޭންޖެހޭ ނިޒާމުގެ ނަޒާހާތްތެރިކަމާ ގުޅޭގޮތުން އޭސީސީން ނެރުނު ހުދުކަރުދާހުގައި ހިމެނޭ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްދު ދީފިއެވެ.

އޭސީސީން ނެރުނު ހުދުކަރުދާސް، ވޮލިއުމް 5 ޢަދަދު 1 އާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ދައުލަތާ ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުޞަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 27 ޖަނަވަރީ 2019 ގައި ކޮމިޓީއެއް ސަރުކާރުން އުފެއްދި ކަމަށާއި، އެ ކޮމިޓީގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއި މިނިސްޓްރީ އޮފް ފިނޭންސް އަދި އެ މައްސަލައަކާގުޅޭ މިނިސްޓްރީން ކަމަށެވެ.

މިކޮމިޓީ އެކުލެވިގެންވާ ގޮތާއި، ކޮމިޓީގެ މަސައްކަތްތައް ބަޔާންކޮށްފައިވަނީ "ސަރުކާރު ޝާމިލްވާ އެކި މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމުގައި ޢަމަލުކުރާނޭގޮތުގެ އުސޫލު"ގައި ކަމަށާއި، އެ އުސޫލުވެސް ޝާއިއުކުރެވިފައިވާކަމަށް ރައީސް އޮފީހުގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް އޮފީހުން ބުނެފައިވަނީ އެ ކޮމިޓީއަށް ޖުމުލަ 37 މައްސަލަ ހުށަހެޅި، ބައެއް މައްސަލަތަކާބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށާއި، ކޮމިޓީގެ ބައްދަލުވުމެއް އެންމެ ފަހުން ބޭއްވިފައިވަނީ 19 ފެބްރުއަރީ 2020 ގައިކަމަށެވެ. އަދި 15 ސެޕްޓެންބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީ އުވާލާފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ކޮމިޓީން ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ޙައްލުކޮށްފައިވާ ހަމައެކަނި މައްސަލައަކީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ ("ނޫމަޑި") އިން ދިވެހި ސަރުކާރުގެ މައްޗަށް ރައްދުވާ ގޮތަށް ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި ދެ މައްސަލައެއް ކަމަށެވެ. އެ ދެ މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުންފުނިން ހޯދުމަށް އެދިފައިވަނީ، ގާތްގަނޑަކަށް 155,000,000 އެމެރިކާ ޑޮލަރު އަދި އާބިޓްރޭޝަނަށް ހިނގާ އިތުރު ހަރަދުތައް ކަމަށް ބުނެފައިވެއެވެ.

"ނޫމަޑި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރަށް ރާއްޖެއިން ބޭރުގެ ޤާނޫނީ މާހިރުންގެ ފަރާތުން ލިބުނު ލަފަޔަށް ބަލައި، ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ސަރުކާރުން އަދާކުރަންޖެހޭ އިލްތިޒާމްތައް އެއްބަސްވުންތަކާ އެއްގޮތަށް ފުރިހަމަކޮށްފައިނުވާތީއާއި މިމައްސަލައާގުޅޭ ގޮތުން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސަރުކާރާ ދެކޮޅަށް ނޫމަޑީގެ ހެކިވެރިއަކަށްވެ ހެކިބަސްދީފައިވާތީ، މި މައްސަލާގައި އާބިޓްރޭޝަނުން ގޮތެއް ކަނޑައަޅައިފިނަމަ، މާލީ ގޮތުން ދިވެހި ދައުލަތަށް ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުޞަތު އޮތުމުން، ދެބަސްވުންތައް ޙައްލުކޮށް، ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް 'ފުލް އަދި ފައިނަލް ސެޓްލްމަންޓުގެ' ގޮތުގައި 55,000,000 (ފަންސާސް ފަސް މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން 25 އޮގަސްޓު 2019 ގައި ސެޓްލްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށް، އާބިޓްރޭޝަން މަރުޙަލާއިން "ކޮންސެންޓް އެވޯޑަކަށް" ދެފަރާތުން އެއްބަސްވެފައިވެއެވެ." ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.