Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

އެމްޓީސީސީގެ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްތަކުގައި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތްދެނީ

އިންޓަރގްރޭޓެޑް ޓްރާންސްޕޯޓް މެނޭޖްމަންޓެއް ގާއިމްކޮށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްތަކުން އޮޓޮމެޓިކްކޮށް ފީ ނެގޭނެ ސިސްޓަމެއް ގާއިމް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަރކާޑާއި އެމް.ޓީ.ސީ.ސީ އާއެކު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއީ ދުނިޔޭގެ ތަރައްގީވެފައިވާ ސިޓީތަކުގައި ދަތުރު ކުރުމުގެ ނިޒާމަށް ފަސޭހަ ބަދަލުތަކެއް ހޯދައިދިނުމަށް މާސްޓަރކާޑުން ހިންގާ 'ސްމާޓް ސިޓީސް' ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެެވެ. މި ޕްރޮޖެކްޓްގެ ދަށުން ބަސް އަދި ފެރީ ނެޓްވޯކްގައި ކޮންޓެކްޓްލެސް އަދި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ތައާރަފް ކުރެވި ދަތުރުވެރިންނަށް ދަތުރު ކުރުމުގައި ފަސޭހަތައް ހޯދައިދެވި، ހިދުމަތްދޭ ފަރާތްތަކަށް ހަރަދު ކުޑަކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މައުލޫމާތުދީފައިވެއެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ކަސްޓަމަރުން ބޭނުންވާފަދަ އީޖާދީ މަސައްކަތްތަކަށް އިންވެސްޓް ކުރުމަކީ ބޭންކްގެ މުހިންމު ބަޔެއް ކަމަށެވެ.

"މާސްޓަރކާޑާއި އެމް.ޓީ.ސީ.ސީ އާ ގުޅިގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ޕްރޮޖެކްޓް މެދުވެރިކޮށް އަޅުގަނޑުމެންގެ ޑިޖިޓަލް ކާޑު އަދި މޯބައިލް ޕޭމަންޓް ސޮލިއުޝަން ޕަބްލިކް ޓްރާންސްޕޯޓް ސިނާއަތާ ގުޅާލެވިގެންދާނެ." ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށް ބީއެމްއެލް އާއި މާސްޓަރކާޑާއެކު މި އެއްބަސްމުގައި ބައިވެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. ފާއިތުވެދިޔަ އަހަރު ފެނިގެން ގޮސްފައިވަނީ އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އިހުނަށް ވުރެ މުހިންމުކަން ކަމަށާއި، މި ހިދުމަތުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ.