Last Updated: April 20, 17:12
Saturday, April 20, 2024
ޚަބަރު

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތަނެއް ނުދެކެން: ގާސިމް

photo: mihaaru news

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތަން ފެނިވަޑައިގެންފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ޖޭޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިންޑިޔާއޭ ޗައިނާއޭ ކިޔައިގެން އަޑުތަކެއް އެރުވި ކަމަށާއި އެގޮތުން މިހާރުވެސް އިންޑިޔާއޭ ކިޔައިގެން ވާހަކަ ދައްކަމުންދާ ބަޔަކު އުޅޭ ކަމަށެވެ.

އަދި ބަޔަކު މަގުމައްޗަށް ނިކުމެ ދައްކާހާ ވާހަކައަކީ ތެދެއް ވެސް ނޫން ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބިތަން ލޮލުން ދެކެވަޑައިގެންފައި ނުވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު އައްޑު އަކަށް ވެސް ނުދަން، އަޅުގަނޑު ތިވިދާޅުވާ ލާމު އަތޮޅަކަށް ވެސް ނުދަން އެމީހުން ތިބިތަން ބަލާކަށް. އަދި އަޅުގަނޑު ނުދަން ހަނިމާދޫ އަކަށް ވެސް އިނގޭތޯ. އެހެންވީމަ އަޅުގަނޑަށް ނުފެންނާތީ ނުފެންނަ ވާހަކަ މި ދެންނެވީ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެއްވެސް ގައުމެއްގެ މިލިޓަރީ ސިފައިން ރާއްޖެ އަރައި ބަނޑަހަ ޖަހައިގެން ތިބެން ނުރުހޭނެ ކަމަށެވެ. އަދި ކޯލިޝަނެއްގައި ތިއްބަސް ރާއްޖޭގައި އެއްވެސް މިލިޓަރީ ބަޔަކު ތިބެން ތާއީދުނުކުރާނެ ކަމަށާއި އެއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ވަރަށް ބޮޑު ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ދިޔަރެސް" ނޫހުގެ ފަރާތުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި ވަނީ އެދިފައެވެ. އެކަމާ ގުޅިގެން މި މައްސަލަ އައިކޮމް އަށް ހުށަހެޅުމުން އައިކޮމް އިން ވަނީ މި މައްސަލައިގައި އަޑުއެހުންތަކެއް ވެސް ބާއްވާފައެވެ.

އެގޮތުން އެ އަޑުއެހުމުގައި ޑިފެންސް މިނިސްޓްރީން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބުނެފައެވެ.