Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ދެ އަހަރުގެ ތެރޭގައި ޤާއިމުކުރުމަށް މަސައްކަތްކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޤާއިމުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައިސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް ސޯލިހް ވިދާޅުވީ މުޅި ދުނިޔެ މިހާރު އަންނަނީ ޑިޖިޓަލްވަމުން ކަމަށާއި، ދިރިއުޅުމުގެ އަސާސީ ހުރިހާ ޚިދުމަތެއްހެން މިހާރު އަންނަނީ، ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުންކަމަށެވެ. އަދި ފައިސާގެ މުޢާމަލާތްތަކާއި، ޤައުމުތަކަށް އެތެރެވެ ބޭރުވުމާއި، ދަރިންނަށް ކިޔަވައިދިނުމާއި، ބޭސްފަރުވާގެ ޚިދުމަތްތައްވެސް އަންނަނީ ޑިޖިޓަލް ވިއުގައިގެ ތެރެއިން ފަސޭހަކަމާއެކު ގުޅެމުން ކަމަށެވެ.

އެހެންކަމުން ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ޤާއިމުކުރަން ޖެހިފައިވާކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޤާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ޑިޖިޓަލް އައިޑެންޓިޓީ ތަޢާރުފްކުރުމުން، ޚިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ. ޑިޖިޓަލް އައިޑެންޓިޓީގެ ޚިދުމަތް ތަޢާރުފްވެގެން އަންނައިރު، ޤާނޫނީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ. އެކަމަށް ދުރާލައި ޙައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ބިލެއް މިހާރުވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި."

ޑިޖިޓަލް ޚިދުމަތް ތަޢާރުފްކުރާއިރު، އެންމެ ބޮޑަށް ފާރަވެރިވެ ރައްކާތެރިކޮށްދޭންޖެހެނީ ވަކިވަކި ފަރުދުންގެ ޒާތީ މަޢުލޫމާތުތައްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޙިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް މިހާރު ފަރުމާ ކުރަމުން އަންނަކަމަށެވެ. އަދި ރާއްޖޭގެ އިންޓަރނެޓް ވިއުގައަކީ، ޑިޖިޓަލް ޚިދުމަތްތަކަށް ރައްކާތެރި ވެށްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބަރ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.