އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ހަވާލުވެވަޑައިގަންނަވާނެއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު، މިހާރު ކުރިއަށްދާ 75 ވަނަ ސެޝަންގެ އެންމެ ފަހު ދަންފަޅި ކުރިއަށްދާނެ ކަމަށެވެ.
އަދި އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ފަށައި، ރިޔާސަތާ މިނިސްޓަރ ޝާހިދު ހަވާލުވެވަޑައިގަންނަވާނެ ކަމަށާއި ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ ޝާހިދު ތަޤްރީރުކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރު ޝާހިދު އިންތިހާބުވެވަޑައިިގެންނެވީ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާ ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ. މިނިސްޓަރު ޝާހިދަށް ލިބިވަޑައިގަތީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގެންފައިވަނީ 48 ވޯޓެވެ.