Last Updated: April 24, 21:16
Wednesday, April 24, 2024
ޚަބަރު އެމްޑީޕީ

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު: އިންތިހާބަކާނުލާ ގައުމީ މަޖިލީހަށް ހަ މެމްބަރުން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ރާއްޖެއެމްވީ

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ގިނަ ދާއިރާތަކުގައި ވާދަވެރިކަން ބޮޑުވި ނަމަވެސް ވާދަވެރިކަމެއް ނެތް، ހަ ދާއިރާއަކުން ގައުމީ މަޖިލީހަށް މެމްބަރުން ހޮއްވިއްޖެ އެވެ.

ދާއިރާތަކުގެ ހިންގާ ކޮމެޓީގެ ރައީސުންނަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ދާއިރާ ތަމްސީލްކުރާ މެމްބަރެވެ. ދާއިރާތަކުގެ އެހެން މަގާމުތަކުގައި ދެން ތިބޭ މެންބަރުންނެއް ގައުމީ މަޖިލީހުގައި ނުހިމެނޭނެ އެވެ. މި މަހުގެ 25 ވަނަ ދުވަހު އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ބާއްވަން ހަމަ ޖައްސާފައިވާއިރު އެ ޕާޓީން މިއަދު ވަނީ ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ވާދަކުރާނެ އިތުރު ކެންޑިޑޭޓާކު ނެތުމުން އިންތިހާބަކާ ނުލާ ހޮވިފައިވާ ކެންޑިޑޭޓުންގެ ނަންތައް އާއްމުކޮށްފައި އެވެ.

އިންތިހަބަކާނުލާ ގައުމީ މަޖިލީހަށް މެމްބަރުން ހޮވުނު ދާއިރާތައް:

– ޅ. ހިންނަވަރު، މޫންލައިޓް، އާދަމް ޔޫސުފް / ހިންނަވަރު ދާއިރާ

– ލ. މައިބައިދޫ، ވައިމަތީގެ، އަހްމަދު ޝުހާދު/ އިސްދޫ ދާއިރާ

– ހއ. ހޯރަފުށި، ހުސްނުހީނާގެ، އަރުޝަދު އަޝްރަފް/ ހޯރަފުށީ ދާއިރާ

– ށ. ކޮމަންޑޫ، ވިލުދޮޅި، މުހައްމަދު ޖަލާލް/ ކޮމަންޑޫ ދާއިރާ

– ފުވައްމުލައް، ގޮމަތަނަގެ، އިބްރާހިމް ސައީދު މުހައްމަދު/ ފުވައްމުލަކު އުތުރު ދާއިރާ ރައީސް

މުހައްމަދު ޒިޔާދު (ޒިޔައްޓެ)/ މާފަންނު އުތުރު ދާއިރާ ރައީސް

މީގެ ތެރޭގައި ބައެއް ދާއިރާތަކުގެ ހިންގާ ކޮމެޓީގެ ހުރިހާ މަގާމަކަށްވެސް މެމްބަރުން އިންތިހަބާކާ ނުލާ ހޮވިފައިވެއެވެ. އެގޮތުން
ހޯރަފުށިދާއިރާ އާއި ކޮމަންޑޫ ދާއިރާ އާއި ހިންނަވަރު ދާއިރާގެ ރައީސްގެ އިތުރުން އެ ދާއިރާގެ ހިންގާ ކޮމެޓީގެ އެހެން ހުރިހާ މަގާމަކަށްވެސް އިތުރު ކެންޑިޑޭޓެއް ވާދަނުކުރާތީ އިންތިހާބާ ނުލާ ވަނީ ހޮވިފައި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރާ ގޮތުގައި މި އަހަރުގެ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގައި ތިބީ 53139 މެމްބަރުންނެވެ. ނަމަވެސް އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި އެ ޕާޓީން މެމްބަރުން ކަމަށް ބަލަނީ އެ ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުނަށެވެ. އެހެން އެ އެޕާޓީން ބުނެފައިވާ ގޮތުން މި އިންތިހާބުގައި އެމްޑީޕީގެ 90،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ.

ޖުމްލަ 455 މަގާމަކަށް 700 އަށް ވުރެ ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރެއެވެ. މި އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި 900 މީހުން ހަރަކާތްތެރިވާއިރު 300 ވޯޓު ފޮށި ބަހައްޓާނެއެވެ.