Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އެމްއާރްއެމްގެ ރައީސް ކަމަށް ފާރިސް މައުމޫން

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ރައީސް ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކުރިމަތިލައްވައިފިއެވެ.

އެމްއާރްއެމްގެ ރައީސް ކަމަށް ފާރިސް ކުރިމަތިލެއްވިއިރު އެމްއާރްއެމްގެ ޒައީމްގެ މަގާމަށް ކުރީގެ ރައީސް މައުމޫން ވަނީ ކުރިމަތި ލައްވާފައެވެ.

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫނަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބެފުޅާއެވެ.

ކުރީގެ ސަރުކާރުގައި މަޖިލީހުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ގޯހުން ގާނޫނާއި ހިލާފަށް ހިންގަމުންދިޔަ ކަންކަމުގައި ފާޅުގައި ފާރިސް ދެކޮޅުހައްދަވާ އެކަންކަމާއި ދެކޮޅަށް އަޑުއެފުއްލެވުމުގެ ނަތިޖާއެއްގެ ގޮތުން ކުރީ ސަރުކާރުން ފާރިސް އެތައް ފަހަރެއްގެ މަތިން ހައްޔަރުކޮށް, ގިނަ ދައުވާތަކެއް އުފުލާ ޖަލުގައި ދިގު މުއްދަތަކަށް ގެންގުޅެފައިވެއެވެ. އެހެންނަމަވެސް ފަހުން ކޯޓުތަކުންވަނީ އެކަންކަން ފާރިސްގެ މައްޗަށް ސާބިތު ނުވާކަމަށް ނިންމާފައެވެ.

ފާރިސް ފާޅުގައި އޭރުގެ ސަރުކާރާ ދެކޮޅަށް ހިޔާލުފާޅުކުރުން ވެގެންދިޔައީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމަކަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ވެރިކަން ކުރަމުން އަންނަ ކޯލިޝަން އުފެދި ހުރިހާ ޕާޓީތައް އެކުގައި ގުޅިގެން މަސައްކަތްކުރަން ފެށިއެވެ.

އެމްއާރްއެމްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 16 ސެޕްޓެމްބަރުގެ 16:00 އާ ހަމައަށެވެ.

އެމްއާރްއެމްގެ ކުރިމަތިލުމަށް ހުޅުވާލާފައިވާ މަގާމުތަކުގެ ތެރޭގައި ޕާޓީގެ ޒައީމު، ޕާޓީގެ ރައީސް، ޕާޓީގެ ނައިބު ރައީސް، ޕާޓީގެ ނައިބު ރައީސް (އަންހެން)، އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުން، ޒުވާނުންގެ ކައުންސިލް އަދި އަންހެނުންގެ ކައުންސިލް ފާހަގަކުރެވެއެވެ.

އެމްއާރްއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 2 ވަނަ ދުވަހުއެވެ.