Last Updated: June 24, 11:45
Wednesday, June 24, 2026
ޚަބަރު

އެމް.ޑަބްލިޔު.އެސް.ސީ ގެ އަހަރީ އާންމު ބައްދަލުވުން ބާއްވައިފި

2020ވަނަ އަހަރުގެ އެމް.ޑަބްލިޔު.އެސް.ސީ ގެ އަހަރީ އާންމު ބައްދަލުވުން ބާއްވައިފިއެވެ.

2020 ވަނަ އަހަރަކީ ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަން މުޅިދުނިޔެއަށް ފެތުރިގެން ދިޔަ އަހަރެއް ނަމަވެސް، އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް އެރިއަ ނުދީ ވަނީ ރައްޔިތުންނަށް ފޯރުކޮށްދީފައެވެ.

ކޮވިޑްގެ ނުރައްކާތެރި ހާލަތާ ގުޅިގެން ދިމާވި ތަފާތު އެކިއެކި ގޮންޖެހުންތަކާ އެކުގައިވެސް، 2020 ވަނަ އަހަރަކީވެސް އެމް.ޑަބްލިޔު.އެސް.ސީ އަށް ކާމިޔާބު އަހަރެއްކަމާއި އަދި 2019 ވަނަ އަހަރާ އާޅާބަލާއިރު ކުންފުނީގެ ސާފު ފައިދާ ގެ ގޮތުގައި 5 އިން ސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަން އެމް.ޑަބްލިޔު.އެސް.ސީ ގެ ބޯޑު ޑިރެކްޓަރުންގެ އަހަރީ އާންމު ބައްދަލުވުމުގައި ވަނީ ފާހަގަ ކުރައްވާފައެވެ. މި ކާމިޔާބީ އާއި ކުރިއެރުން ހާސިލް ކުރެވިފައިވަނީ، ކުންފުނީގެ މެނޭޖްމަންޓުން، ކުންފުނި ހިންގުމުގަޔާއި އަދި ޚަރަދު ކުޑަކުރުމުގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި އަދި ކުންފުނީގެ އެންމެ މުހިއްމު ރައުސްލްމާލު ކަމުގައިވާ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށް އެމްޑަބްލިއުއެސްސީން ފާހަގަކުރެއެވެ.

2020 ވަނަ އަހަރު އެމް.ޑަބްލިޔު.އެސް.ސީ ގެ ފައިދާ އިތުރުވެގެން ގޮސްފައިވާ އިރު، ކުންފުނީގެ ޚިދުމަތްތައް އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ކުންފުނީގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމާއި މީހުންބިނާ ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަށް ރޭވިފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުންފުނިން ދެމުންގެންދާ ޚިދުމަތުގެ ޔަޤީންކަން އިތުރުކުރުމަށްޓަކައި، މާލޭގެ އޮޕަރޭޝަން ސެންޓަރ ޑިސެންޓްރަލައިޒް ކުރެވި، އިތުރު 2 ސަރަހައްދެއްގައި ފެން ޕްލާންޓް ގާއިމް ކުރެވިފައިވާއިރު، އިތުރު ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމާއި މާލެ އާއި ހުޅުހުމާލޭގެ ފެނުގެ ނެޓްވޯރކް ގުޅާލުމުގެ މަސައްކަތްތައް ކުރެވެމުންދެއެވެ. އަދި ރާއްޖެގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ގިނަ ޕްރޮޖެކްޓްތަކެއް އެމްޑަބްލިއުއެސްސީން ދަނީ ހިންގަމުންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށްވެސް އެމްޑަބްލިއުއެސްސީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން ކޮވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި މިކުންފުނީގެ ސީއެސްއާރު ދަށުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ، އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިންވެސް ވަނީ މުޖްތަމަޢަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއި އެކު ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެއެވެ.