އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ޕީޖީ ހުސައިން ޝަމީމާ ބައްދަލުކޮށްފިއެވެ.
ޕީޖީ ޝަމީމާ ބައްދަލުކުރުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ލީކްވެފައިވާ ފަނޑިޔާރުންކަމަށްބުނާ ބައެއްގެ އޯޑިއޯތަކުގެ މައްސަލައިގައި ކަންބޮޑުވުން ހިއްސާކުރެއްވި ކަމަށެވެ. އަދި އޯޑިއޯތަކުގެ ރަނގަޅު ތަހުގީގެއް ހިންގެވުމަށް ޕީޖީއަށް ދެންނެވިކަމަށް ވިދާޅުވިއެވެ.
އިދިކޮޅުން ޕީޖީ ޝަމީމާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިހާރު އަންނަނީ ހިނގަމުންނެވެ.
އެ އަޑުއެހުންތަކާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ސުޕްރީމް ކޯޓުން އިންސާފުވެރި ހުކުމެއް އިއްވާނެ ކަމަށް އުއްމީދު ކުރައްވާކަމަށާްއި، އެކަމަށްޓަކައި އޯޑިއޯތައް އިންސާފުވެރި ގޮތެއްގައި ތަހުގީގު ކުރުން މުހިންމު ކަމަށެވެ.