Last Updated: June 24, 11:45
Wednesday, June 24, 2026
ޚަބަރު

ވެމްކޯ ދޮރުމައްޗަށް ކުނި އެޅުން ނާތަހުޒީބު، އެކަން މެދުވެރިވީ މިސްކޮމިއުނިކޭޝަނަކާ ހެދި

މާލެސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް--

ވެމްކޯގެ ދޮރުމައްޗަށް ކުނި އެޅުނީ ހިނގި މިސްކޮމިއުނިކޭޝަނަކާ ހެދި ކަމަށާއި އެކަމަކީ ވަރަށް ނާތަހުޒީބު އަމަލެއްކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީކައުންސިލުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މާލޭގެ ބައެއް ގޭބިސީތަކުން ނެރެފައިހުރި ކުނި ވެމްކޯއިން ނުނަގާ ހުރުމުން ސިޓީ ކައުންސިލުން އެ ކުނި މިއަދު ނެގުމަށްފަހު އެ ކުނިތައް ވެމްކޯއަށް ގެންދިޔަކަމަށެވެ

ސިޓީކައުންސިލްގެ ވެހިކަލަށް އެތެރެއަށްވަނުމުގެ ހުއްދަ ނުލިބި، އެވަގުތު އެތަނުގައި ހިނގި މިސްކޮމިއުނިކޭޝަނަކާ ހެދި ސިޓީކައުންސިލްގެ ވެހިކަލުން ކުނިތައް ވެމްކޯ ދޮރުމައްޗަށް އެޅިކަން ނަރީޝް ފާހަގަކުރެއްވިއެވެ. އަދި ވަގުތުން އެކަމަށް އެޓެންޑްވެ އެ ކުނިތައް ނެގުމުގެ މަސައްކަތް ކޮށްފައިވާކަމަށް ނަރީޝް ވިދާޅުވިއެވެ.

"ވަގުތުން އެކަމާ އެޓެންޑްވިން، ވެމްކޯގެ ސީނިއާ މެނޭޖްމެންޓާ ވާހަކަ ދައްކައިގެން އެކަން ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން. އަޅުގަނޑުމެން މުވައްޒަފުން ފޮނުވާ ކުނިތައް ވަގުތުން ނެގިން. މިސްކޮމިއުނިކޭޝަނަކާ ހެދި އެކަމެއް ހިނގާފައެއޮތީ، އެ ހިނގި ކަމަކީ ވަރަށް ނާތަހުޒީބު އަމަލެއް. އެކަން އަޅުގަނޑު ގަބޫލުކުރަން، ނާތަހުޒީބު އަމަލެއް. ވެމްކޯގެ ސްޓާފުންނާއި މެނޭޖްމެންޓްގެ ކިބައިން ސިޓީ ކައުންސިލުން މާފަށް އެދެން އެކަމަށް. އެއީ ހިނގައިގެން ވާނެ ކަމެއްކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންނަމަވެސް އެކަން އެ އޮތީ ހިނގާފަ، ނުހިނގާ ކަމަކަށް ނުވާނެ." ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ މިހާރު ވެމްކޯގެ މެނޭޖްމެންޓާ ވާހަކަ ދެކެވި ސިޓީ ކައުންސިލްގެ ވެހިކަލްތަކުން ނަގާ ކުނިތައް ވެމްކޯގެ އުފުލިތަކަށް އެޅޭނެ އިންތިޒާމު ހަމަޖެއްސިފައިވާކަމަށެވެ.

ވެމްކޯއިން ކުނިނަގާނީ އެފަރާތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ އެކަނިކަން ވެމްކޯއިން ހާމަކޮށްފައިވާއިރު، ނަރީޝް ވިދާޅުވި މާލެސަރަހައްދުގެ ކުނި ނެގުމަށް ސިޓީކައުންސިލުން ވެމްކޯއާއެކު އެއްބަސްވުމެއް ހަދާފައިވާނޭކަމަށެވެ. އެ އެއްބަސްވުމުގެ ދަށުންވެސް އެގޮތަށް ގޭބިސީތަކުން މަގުމައްޗަށް ކުނި ނެރޭނަމަ އެކުނިވެސް އުކާލުމުގެ ޒިންމާއަކީ ވެމްކޯގެ ޒިންމާއެއްކަމަށް ނަރީޝް ވިދާޅުވިއެވެ.

"ވެމްކޯގެ ރަޖިސްޓާޑް ގެތަކުން ހަމައެކަނި ކުނި ނަގަން ނިންމިކަމުގައި ވިޔަސް، މަގުމައްޗަށް މިނެރޭ ކުނިތައްވެސް ހަގީގަތުގައި މި އެގްރިމެންޓް ބުނާގޮތުން އުކާލަން މި ޖެހެނީ ވެމްކޯއަށް. އެހެންވީމަ އެޒިންމާ އެބޭފުޅުން އަދާކުރަން ލަސްވަމުންދާތީ ސިޓީ ކައުންސިލުން އިސްނަގައިގެން އެ ކުނިތައް ނަގައިގެން އުކާލުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދިޔައީ." ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ކުނިނެގުމުގައި އިތުރު ބުރުލެއްނާރާ މަސައްކަތްކުރުމަށް ވެމްކޯއާއެކު މަޝްވަރާކުރަމުން އަންނަކަމަށެވެ. އަދި މާލޭގެ މަގުތައް ރީތިކޮށް ބޭއްވުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއްވެސް ސިޓީ ކައުންސިލުން ކުރާނެކަމަށެވެ.