އަމާޒަކީ އަދުލުއިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާނެރޭ ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި ސުޕްރީމް ކޯޓު ހަރުދަނާ ކުރުން ކަމަށް އެ ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުގެ 13 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެ ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޭތުވެދިޔަ 13 އަހަރުގެތެރޭގައި ރައްޔިތުންނަށް އަދުލުއިންސާފު ލިބިދިނުމުގައި ކާމިޔާބީތަކެއް ހާސިލުކޮށް، ދާއިރާ ހަރުދަނާ ކުރުމަށް ސުޕްރީމް ކޯޓުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. ކޮވިޑް-19ގެ ހާލަތުގައިވެސް ސުޕްރީމްކޯޓުގެ އަމާޒަކަށްވެފައިއޮޓީ ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް، މެދުކެނޑުމެއްނެތި އަވަސްކަމާއި ހަލުވިކަމާއެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމިތިބުންކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.
ހާމަކަން ބޮޑުގޮތެއްގައި ޝަރީއަތްތައް ހިންގުމުގެ ސިޔާސަތުގެ ދަށުން 2020 ވަނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހުންފެށުން ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމުކުރަން ފަށާފައިވާކަމަށާއި، ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފަށައި ޝަރީއަތުގެ މާލަމުގައި ބޭއްވޭ ޝަރީއަތްތައްވެސް ލައިވް ސްޓްރީމް ކުރަން ފަށާފައިވާކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން ބުނެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ހާސިލުކުރެވުނު މުހިންމު އެއް ކާމިޔާބީއަކީ ޝަރުއީ ދާއިރާގެ ކޭސް ރިޕޯޓަރ އެޕްލިކޭޝަން ތަރައްޤީކޮށް، ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިއަދާ ހަމައަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އެ އެޕްލިކޭޝަންއަށް އަޕްލޯޑްކޮށް، އެތެރޭގެ ބޭނުންތަކަށް އެ އެޕްލިކޭޝަން ބޭނުންކުރުމުގެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
"ކޭސް ރިޕޯޓަރ އެޕްލިކޭޝަންއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސްނެގުމަކަށް ފެށުނު ޚާއްޞަ ޕްރޮޖެކްޓެވެ. މި އެޕްލިކޭޝަން ޑިވެލޮޕްކޮށް ތަރައްޤީކުރެވިގެންދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. މި މަސައްކަތަކީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެހީތެރިކަމާއެކު ކޮށް ނިންމާލެވުނު މަސައްކަތެކެވެ. މި މަސައްކަތުގެ ދެވަނަ ފިޔަވަހި ނިމިގެންދާއިރު މި އެޕްލިކޭޝަން ބޭނުންކުރުމުގެ އެކްސެސް ޤާނޫނީ ވަކީލުންނާއި ގާނޫނުކިޔަވާ ދަރިވަރުންނަށް ވެސް ހުޅުވައިލެވިގެން ދާނެއެވެ." ސުޕްރީމް ކޯޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކޯޓުގެ ތަފާސްހިސާބުތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ބުނެފައިވަނީ އެ ކޯޓުގެ 13 ވަނަ އަހަރަކީ އޭގެ ކުރީ އަހަރަށްވުރެއް ކާމިޔާބު އަހަރެއްކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު ސެޕްޓެމްބަރު 18 އިން މިއަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހާ ހަމައަށް 225 މައްސަލަ ހުށަހެޅި 121 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވާކަމަށެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި 369 އަޑުއެހުން ބޭއްވިފައިވާއިރު 90 މައްސަލައެއްގައި ހުކުމް ކުރެވިފައިވާކަމަށާއި މިއީ އޭގެ ކުރީ އަހަރު ހުކުމްކުރެވުނު އަދަދަށްވުރެއް 29 ޕަސެންޓްގެ ކުރިއެރުމެއްކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމާޒަކީ، ލިބިފައިވާ މަދު ވަސީލަތްތަކާއެކުވެސް، އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި، އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާނެރޭ ޒިންމާދާރު މުއައްސަސާއެއްގެގޮތުގައި ސުޕްރީމް ކޯޓު ހަރުދަނާކުރުންކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.