Last Updated: June 24, 10:55
Wednesday, June 24, 2026
ޚަބަރު

އަމީން މިނިވަން ކުރުން- ހައިކޯޓުން ޓެރަރިޒަމް ޤާނޫނު މާނަކުރީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ހިލާފަށް: ޕީޖީ

ޕީޖީ ހުސައިން ޝަމީމް--

ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްސަލައިގައި ހައިކޯޓުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު މާނަކޮށްފައިވަނީ ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ ނިންމުންތަކާ ހިލާފަށްކަމަށް ޕްރޮސިކިއުޓާރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަމީންގެ މައްސަލައިގައި ހައިކޯޓުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު މާނަކޮށްފައިވާގޮތުގެ ސަބަބުން، މޭ 6 ވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާގުޅިގެން ހައްޔަރުކޮށްފައިތިބި މީހުންގެ ބަންދު އަދި ދައުވާތަކާ މެދުވެސް ވަނީ ސުވާލުއުފެދިފައެވެ.

އަމީންގެ މައްސަލައިގައި ހައިކޯޓުން އަމީން މިނިވަންކޮށް ކުރި ހުކުމާއި ގުޅިގެން ޕީޖީ ޝަމީމްގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމުގައި ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ މީގެ ކުރީގެ ނިންމުންތަކުގައި ހާއްސަ ގާނޫނެއްގައި ދައުވާކުރާނެ މުއްދަތާއި ގުޅޭގޮތުން ވަކިގޮތަކަށް ކަނޑައަޅާފައި ވަނިކޮށް، ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބުނާ މުއްދަތުތަކަށް އަމަލު ނުކުރެވޭނެ ކަމަށް ނިންމާފައިވާކަމަށެވެ.

"މުޙައްމަދު އަމީންގެ މައްސަލައިގައި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ކަނޑައެޅިގެން ވަކި މުއްދަތުތަކެއް ބަޔާންކޮށްފައި ވަނިކޮށް، އެޤާނޫނު ދޫކޮށް، ޢާންމު އިޖުރާއަތު ޤާނޫނަށް ރުޖޫޢަވުމަކީ، ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ އުޞޫލާ ޚިލާފުވުމެވެ. މިސަބަބަށްޓަކައި، ހައިކޯޓުގެ 2021/HC-B12/50 ނަންބަރު ޤަޟިއްޔާގެ ނިންމެވުން ރަނގަޅު ނޫނީއެވެ." ޕީޖީ ޝަމީމް އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވެއެވެ.

ހައިކޯޓުން ޤާނޫނު މާނަކޮށްފައިވާގޮތާއި ގުޅިގެން ޝަމީމް ވިދާޅުވީ، ހައިކޯޓުން ވިދާޅުވާގޮތަށް ބަންދުކުރުމާއި ދައުވާކުރުމާ ގުޅުވައިގެން މާނަކުރާނަމަ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (މ) ގައި ބުނާ 14 ދުވަސް ހަމަވުމަށްފަހު، މިބާވަތުގެ މައްސަލައެއްގައި މީހަކު ބަންދަކުވެސް ނުބެހެއްޓޭނެކަމަށެވެ. އަދި އެއީ ރަނގަޅު މާނަކުރުމެއް ނޫންކަން ސުޕްރީމް ކޯޓުން މި ފަހުން ނިންމާފައިވާ ނިންމުންތަކުންވެސް އެނގެން އޮންނަކަމަށެވެ.

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އުފުލި އަމީން މިނިވަންކޮށް ހައިކޯޓުން ޓެރަރިޒަމްގެ ޤާނޫނު މާނަކުރި ގޮތުގެ ސަބަބުން އެފަދަ އިތުރު މައްސަލަތަކާމެދުވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ.