Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ގާސިމް 10 މިލިއަން ރުފިޔާ ހަރަދުކުރިކަން އެނގިފައެއް ނެތް: ނާޒިމް

ގާސިމް އާއި ނާޒިމް - ފޮޓޯ: ރާއްޖެއެމްވީ

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް މުހައްމަދު ނާޒިމާއި އަބްދުالله ރިޔާޒު އިންތިހާބުކުރުމަށް 10 މިލިއަން ރުފިޔާ ހަރަދު ކުރެއްވި ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި ނަމަވެސް އެއީ ދެނަހުރި ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވެއްޖެ އެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވަނީ ނާޒިމާއި ރިޔާޒު މަޖިލީހަށް އިންތިހާބު ކުރުމަށް ކޮންމެ ބޭފުޅެއްގެ ކެމްޕެއިނަށް ފަސް މިލިއަން ރުފިޔާ ހަރަދު ކުރެއްވި ކަމަށާއި ނަމަވެސް އިހުލާސްތެރިވާން އެ ދެ ބޭފުޅުންނަށް އެނގިވަޑައިނުގެންނެވި ކަމަށް ވިދާޅުވެފައެވެ.

ގާސިމްގެ ފާޑުކިޔުން ނާޒިމާއި ރިޔާޒަށް އަމާޒުކުރެއްވީ އެ ދެ ބޭފުޅުން ވެސް ޖޭޕީން ވަކިވެވަޑައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފެއްޓުމާ ގުޅިގެންނެވެ.

ރޭ "ދިވެެހިރާއްޖޭގެ އަޑުން" ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ކޮންމެ މެމްބަރަކަށް ހަރަދުކުރެވޭނެ މިންވަރު ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެއަށް ވުރެ އިތުރަށް ފައިސާ ހަރަދުކޮށްފިނަމަ އެއީ މައްސަލައެއް ކަމަށެވެ.

"ޖުމްހޫރީ ޕާޓީން ކެމްޕޭނުގައި ކޮންމެ މެމްބަރަކަށް ވެސް ހަރަދުތަކެއް ކުރެއްވި ކަމަށް ގަބޫލުކުރަން. އެހެން ނަމަވެސް ތިފަދަ އަދަދެއް ކުރެއްވިކަން އެނގިވަޑައިގަންނަވާނީ އެކަން ކުރެއްވި ފަރާތަށް އެކަނި. އަޅުގަނޑު ނުދެނަހުރިން އެކަމެއް" ނާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން ނާޒިމް ވަނީ ޖަޒުބާތުގައި ބޭފުޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަން ބޭނުން ނުވާ ކަމަށާއި އެ ބޭފުޅުންނަށް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް ރައްޔިތުން ވަޒަން ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރަންވާނީ، އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 1500 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދަށް ވުރެ އިތުރު ނުވާނެ އަދަދަކަށެވެ.