Last Updated: April 20, 14:49
Saturday, April 20, 2024
ކުޅިވަރު

ޔުވެންޓަސް ރެލިގޭޝަން ޒޯނަށް ވެއްޓިއްޖެ

އޭސީ މިލާނާއި 1-1 އިން އެއްވަރުވެ އިޓާލިއަން ލީގުގެ ރެލިގޭޝަން ޒޯނަށް ޔުވެންޓަސް ވެއްޓިއްޖެ އެވެ.

މި ނަތީޖާއާއެކު ޔުވެންޓަސް މިހާރު އޮތީ ދެ ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގައެވެ. ލީގުގައި މިހާތަނަށް ހަތަރު މެޗު ކުޅެ ނިމުނުއިރު ޔުވެންޓަސް އަށް އަދި މޮޅެއް ހޯދިފައެއް ނުވެއެވެ. މިލާން އޮތީ 10 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ.

މިއީ 1961 ވަނަ އަހަރަށްފަހު ޔުވެންޓަސް އިން މިހާ ދަށްކޮށް ލީގު ފެށި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތަރުވަނަ މިނެޓްގައި އަލްވަރޯ މޮރާޓާ ވަނީ ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. ޔުވެންޓަސް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މޮރާޓާ މި ގޯލު ކާމިޔާބުކުރީ މިލާނުގެ ކީޕަރު ބޯމަތިން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ނަމަވެސް މެޗުގެ 76 ވަނަ މިނެޓްގައި ރެބިޗް މިލާނަށް ނަތީޖާ އެއްވަރުކޮށްދިންއިރު، މެޗުގެ ފަހު ވަގުތުކޮޅުތެރޭ މެޗުން މޮޅުވާން މިލާންގެ ޕިއޭ ކަލޫލޫ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ޔުވެންޓަސްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ކަލޫލޫ ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ކީޕަރު ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ.

ރޭގެ މެޗުގައި އޭސީ މިލާންގެ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ ޒްލަޓާން އިބްރަހިމޮވިޗް އާއި އޮލިވިއޭ ޖިރޫގެ އިތުރުން ކަލަބްރިއާ ކުޅެފައެއް ނުވެއެވެ.