Last Updated: April 25, 09:23
Thursday, April 25, 2024
ޚަބަރު ރައީސް ޔާމީން

ރައީސް ޔާމިންގެ ޝަރީއަތުގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިއަދު ހެނދުނު

ކުރީގެ ރައީސް އަބްދުالله ޔާމީން ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަނީ--

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލްކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު އެ ކޯޓުގައި އޮންނާނެ އެވެ.

ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާތީ ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގައި މިއަދުގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ ހެނދުނު 9،00ގައި އެވެ. މިއަދުވެސް މައިގަނޑު ގޮތެއްގައި އޮންނާނީ ރައީސް ޔާމިނަށް އިއްވި ޖަލު ހުކުމް ބާތިލްކުރަން ޖެހޭ ސަބަބުތައް އެމަނމިކުފާނުގެ ފަރާތްޕުޅުން ކޯޓަށް ހުށައެޅުމެވެ.

މި މައްސަލައިގައި އެންމެ ފަހުން މިދިޔަ ހަފްތާގައި ބޭއްވި އަޑުއެހުމުގައިވެސް ކުރިއަށް ދިޔައީ އިސްތިއުނާފީ ނުކުތާތައް ހުށައެޅުމެވެ، އެހެން ނަމަވެސް އެ ދުވަހުވެސް ގާނޫނީ ހުރިހާ ނުކުތާއަކާ ގުޅޭ ގޮތުން ވާޙަކަދައްކަވާ ނުނިމޭތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމެވީ މިއަދު އަޑުއެހުމުގައި ބާކީ އޮތްބައި ހުށައަޅަން ފުރުސަތު ދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތައް ހުށައަޅާ ނިމުމުން ފަނޑިޔާރުން ރައީސް ޔާމިންގެ ފަރާތްޕުޅުން ސާފުކުރަން ޖެހޭ ކަންކަން ސާފުކުރުމަށް ޝަރީއަތުގައި ސުވާލު ކުރައްވާނެ އެވެ.

ރައީސް ޔާމިން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ދޫކޮށްލައި، ހުކުމް ފަސްކުރުމަށް ހުށައަޅުއްވާފައި އެވެ. އެހެން ނަމަވެސަް އެކަމާމެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރީ 2019 ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. ރައީސް ޔާމީނަށް މި ހުކުމް ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ފައިސާގެ ތެރެއިން އެސްއޯއެފް މެދުވެރިކޮށް ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ އެއްމިލިއަން ޑޮލަރުން އިންވެސްޓްކޮށް މަނީލޯންޑަރކޮށްފައިވާކަމަށް ކޯޓުގައި ސާބިތުވުމުންނެވެ.