Last Updated: June 24, 10:55
Wednesday, June 24, 2026
ޚަބަރު

ރައީސްގެ ބާރުތަކުން ރައީސް ސޯލިހް އެކަހެރި ކުރަން ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ނުކުރި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާ މައްސޫލިޔަތުތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަހެރި ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާއެއް ނުކުރިއެވެ.

މި ކުއްލި މައްސަލައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ރައީސް ސޯލިހް ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލައެކެވެ. މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އެހެންނަމަވެސް މިއަދުގެ މަޖިލީހުގައި އެ ކުއްލި މައްސަލަ އެޖެންޑާ ކޮށްފައެއް ނުވެއެވެ. އަދި އެކަމުގެ ކަންބޮޑުވުން އާދަމް ޝަރިފް މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ.

އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހަށް ކުރި ތުހުމަތުތައް ފާހަގަކޮށްފައެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައީސް ސޯލިހް ގެންދެވިކަމަށާއި، އެކަން ސާބިތުވާނެ ސީސީޓީވީ ފުޓެޖު ހުންނާނެކަމަށް އަލީ ވަހީދު ބުނެފައިވާކަން ފާހަގަކޮށްފައެވެ.

ކުއްލި މައްސަލައިގައި ހުށަހަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވަމުންގެންދަވާ ބޭފުޅަކާމެދު މިފަދަ ބޮޑު ތުހުމަތެއް ކުރެވެމުންދާތީވެ، މިނިވަން، އިންޞާފުވެރި ތަޙުޤީޤަކަށް މަގުފަހިކުރުމަށްޓަކައި ތަޙުޤީޤު ނިމެންދެން، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، އެކަހެރިވެވަޑައިގަތުމަށާއި އެމްއެމްޕީއާރްސީގެ ފައިސާ ރައީސް ސޯލިހް ނެންގެވި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، މި މައްސަލަ ދިވެހި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން، އިންޞާފުވެރި، "ހަ ފުށް ފެންނަ ގޮތަކަށް" ތަޙްޤީޤު ކުރެއްވުމަށް ގޮވާލާކަމަށެވެ.