Last Updated: June 24, 10:55
Wednesday, June 24, 2026
ޚަބަރު

ހެއްކާބެހޭ ބިލު- ހަނދާންވަނީ ހޮނޑައިދޫން ހައްޔަރުކުރި ދުވަސް: ޖާބިރު

އަބްދުﷲ ޖާބިރު - މަޖިލިސް

ހެއްކާބެހޭ ބިލަށް ވާހަކަ ދައްކަންވުމުން ހަނދާންވަނީ ހޮނޑައިދޫން ހައްޔަރު ކުރި ދުވަހުގެ މަތިން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ހެއްކާބެހޭ ބިލުގެ ބަހުސް މިއަދުގެ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށް ކުރިއަށް ގެންގޮސްފައިވާއިރު އެ ބިލަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ހަނދާންވަނީ އިންޓެލިޖެންސް ރިޕޯޓަކަށްބަލައި "ހޮންޑައިދޫން ހައްޔަރުކުރި ދުވަހުގެ މަތިން"ކަމަށެވެ. އެދުވަހު ހައްޔަރުކުރީ "ނުލާހިކު އަނިޔާވެރި"ގޮތަކަށްކަން ފާހަގަކޮށް ޖާބިރު ވަނީ އޭރުގެ ސަރުކާރުގައި ހޯމް މިނިސްޓަރަށް ހުންނެވި ޑރ. މުހައްމަދު ޖަމީލާއި، އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އަދި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށް ފާޑުވިދާޅުވެފައެވެ.

ހެއްކާބެހޭ ބިލަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޝަރީއާއަށް އަމަލުކުރަންޖެހޭ ކަމަށާއި، އަދި ފުލުހުންނާއި ސިފައިން ނިކުމެ ރާއްޖޭގައި އިސްލާމީ ޝަރީއާ ތަންފީޒުކުރަންޖެހޭކަމަށެވެ.

ޖާބިރު ވިދާޅުވި ވައްކަން ކޮށްފައިވާ މީހުންގެ އަތްކަނޑަންޖެހޭ ކަމަށާއި، ސިޔާސީ ލީޑަރުންގެ ތެރެއިން އެމްއެމްޕީއާރްސީގެ ފައިސާގައި ނުޖެހި ހުރީ އޭނާ އެކަނި ކަމަށެވެ. އެމްއެމްޕީއާރްސީގެ ލިސްޓުގައި އޭނާގެ ނަން ނެތްކަން ފާހަގަކޮށް ޖާބިރު ވިދާޅުވީ އެމްއެމްޕީއާރްސީގެ ލިސްޓުގައި ޖެހުމަށްފަހު އެމީހަކު ހުންނާނީ ކުއްވެރި ވެފައިވާކަމަށާއި، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޖެހުމަކީ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން ކަމަށެވެ.

މިއަދުގެ މަޖިލީހުގައި ޖާބިރު ހޮނޑައިދޫގެ ވާހަކަ ދެއްކެވިއިރު، ހދ. ހޮނޑައިދޫގައި ބަނގުރާ ބޮއި މަސްތުވާތަކެތި ބޭނުންކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި އެ ރަށުން މަޖިލީހުގެ ދެ މެންބަރަކާއި ސިޔާސީ ބައެއް ފަރާތްތައް އަދި އާންމުންގެ ބަޔަކު ހައްޔަރުކޮށްފައިވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެ ރަށަށް އަރައި ހައްޔަރުކޮށްފައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ އޭރުގެ މެންބަރު ހާމިދު އަބްދުލްޣަފޫރާއި ކާށިދޫ ދާއިރާގެ އޭރުގެ މެންބަރު އަބްދުﷲ ޖާބިރާއި އަދި ކުރީގެ އިބްރާހިމް ހުސެން ޒަކީގެ އިތުރުން މުހައްމަދު ޒުހެއިރު އެވެ.