ކުދި އިޖުރާއީ ސަބަބުތަކާ ހެދި ބޮޑެތި ކުށްވެރިން ދޫވުމަކީ ނުރައްކާތެރިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ހެއްކާބެހޭ ބިލަށް ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރާއްޖޭގައި އައިއެސްގެ އެންމެ އިސްފަރާތުގެ ގޮތުގައި ފާހަގަކުރެވޭ ފަރާތެއް ހައިކޯޓުން މިފަހުން ދޫކޮށްލާފައިވާކަމަށާއި، އޭނާ ދޫކޮށްލާފައިވަނީ ހެކި ނެތިގެން ނޫންކަމަށެވެ.
މުހައްމަދު އަމީންގެ މައްސަލައަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އޭނާ ކޯޓުން ދޫކޮށްލާފައިވަނީ ކުޑަ އިޖުރާއީ މައްސަލައަކާ ހެދިކަމަށެވެ. ބޮޑެތި ތުހުމަތުތަކުގައި ހައްޔަރުކޮށް ދައުވާ އުފުލޭ މީހުނާދެކޮޅަށް ހުންނަ ހެއްކަށް ރިއާޔަތްކުރަންވާނެކަން ފާހަގަކޮށް އިންތި ވިދާޅުވީ އެފަދަ މައްސަލަތައް އިޖުރާއީ ކަމެއްގައި ބޭރުކުރާއިރު އެންމެ ކަންބޮޑުވަނީ އިތުރަށް ދައުވާ ނުކުރެވޭގޮތަށް އެ މައްސަލަތައް ބޭރުކުރާތީ ކަމަށެވެ.
"މިހިސާބަށް ގެންދާ ގެންދިއުމަކީ ވަރަށް ނުރައްކާތެރި ބިރުވެރިކަމެއް، އިންސާފާ ވަރަށް ދުރައް ދެވޭކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން." އިންތި ވިދާޅުވިއެވެ.
މީގެ އިތުރުން ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިންތި ވަނީ ގއ. ހުޅުވާރުލުން ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން އެ މައްސަލައިގައި އެހުރިތަންވެސް ދެއްކީ އެކަން ކުރިމީހުންކަމަށާއި، އެހެންނަމަވެސް އެމައްސަލައިގައިވެސް ލިބިފައިހުރި ހެއްކަށް ނުބަލާ އެ އެންމެން ދޫކޮށްލާފައިވަނީ އިޖުރާއީ ކަންތައްތަކެއް ފާހަގަކުރުމަށްފަހުކަމަށެވެ.
އިންތި ވިދާޅުވީ މައްސަލައެއްގައި ރަނގަޅު ހެކި ފެނުމުން އެ ހެއްކަށް ނުބަލާ މާކުޑަ އިޖުރާއީ ކަމެއްގައި މައްސަލަ ނިންމާލާ ހިސާބަށް ދިއުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށެވެ. އެހެންކަމުން ހެއްކާބެހޭ ބިލުގެ ތެރެއިން އެކަމަށް ހައްލު ހޯދައިދޭންޖެހޭކަމަށް ވިދާޅުވިއެވެ.