ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާނެ ކަންކަމާއި ނުކުރައްވާނެ ކަންކަން ހުންނާނެކަމަށާއި، ކަޅު ދަބަހެއް އުފުލިކަމަށްބުނެ އަލީ ވަހީދު ކުރާ ތުހުމަތުތަކަކީ ރައިސް ސޯލިހް ކުރައްވާނެ ކަމެއް ނޫންކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާބެހޭ ބިލަށް ވާހަކަ ދައްކަވަމުން ބޮންޑޭ ވަނީ ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ރައީސް ސޯލިހަށް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ.
އެގޮތުން ބޮންޑޭ ވިދާޅުވީ އަލީ ވަހީދު ރައީސް ސޯލިހާ ގުޅުވާ ދެއްކެވި ވާހަކަ އެއްގޮތަކަށްވެސް ގަބޫލު ނުކުރެވޭކަމަށެވެ.
"ކަޅު ދަބަހެއްގެ ވާހަކަ ދައްކައިފި، ހަމަ އެއްގޮތަކަށް ގަބޫލެއް ނުކުރެވޭ އެވާހަކައެއް. އަޅުގަނޑަށް އިނގޭ ރައީސުލްޖުމްހުރިއްޔާ ކުރައްވާނެ ކަންކަމާ ނުކުރައްވާނެކަންކަމާ، އަދި އިބްރާހިމް މުހައްމަދު ސޯލިހް އެއީ. ހަމަ ޔަގީނުންވެސް ނުކުރައްވާނެކަމެއް، އެއީ ދަބަހެއްގެ ވާހަކައެއް." ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ރައީސް ސޯލިހާއި ގުޅޭގޮތުން އަދި ކޮންމެ ގޮތަކަށް ވާހަކަ ދެއްކެވިނަމަވެސް އެމަނިކުފާނުވެސް ކުރައްވާނެކަންކަމާއި ނުކުރައްވާނެ ކަންކަން ހުންނާނެކަމަށެވެ. އަދި އަލީ ވަހީދުވެސް މީގެ ކުރިން ވާހަކަ ދައްކަވާފައިވަނީ އެހެން ގޮތަކަށްކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ ރައީސް ސޯލިހް ކަޅު ދަބަހެއް އުފުލިކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން އަލި ވަހީދު ވިދާޅުވީ ރެހެނދި ފްލެޓުން ކަޅު ދަބަސް އުފުލި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ބޭފުޅުން ހިމެނޭ ކަމަށެވެ. އެ ކަޅު ދަބަހުގައި އުފުލީ 35 މިލިއަން ރުފިޔާ ކަމަށާއި އެއީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ދިން ދަބަހެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އޭރު އަލީ ވަހީދު ހުންނެވިރު ކަޅު ދަބަސް އުފުއްލެވީ ރައީސް ސޯލިހް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.