Last Updated: June 24, 10:55
Wednesday, June 24, 2026
ޚަބަރު

ރައްޔިތުން ދެނެއް އަލީ ވަހީދާ މަލީހް ފަދަ މީހުން ބަލައެއް ނުގަންނާނެ: ޔައުގޫބް

ދާންދޫ ދާއިރާއިގެ މެމްބަރު ޔައުގޫބު އަބްދުﷲ - ފޮޓޯ: މަޖިލިސް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް ފަދަ ބޭބޭފުޅުން، ސިޔާސީ ކަންކަމުގައި، ރައްޔިތުން ދެން ބަލައި ނުގަންނާނެކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާބެހޭ ބިލަށް ވާހަކަ ދައްކަވަމުން އަލީ ވަހިދު ޕްރެސް ކޮންފަރެންސްގައި ސަރުކާރާއި ރައީސް ސޯލިހަށް އަމާޒުކޮށް ދެއްކި ވާހަކަތަކަށް ރައްދުދެއްވުމުގެ ގޮތުންނެވެ.

އެގޮތުން ޔައުގޫބް ވިދާޅުވީ މިސަރުކާރުގެ ކެބިނެޓަށްވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ވަކިކުރެއްވި ވަޒީރަކީ އަލީ ވަހީދުކަމަށެވެ. އަދި ރައީސް ވަކިކުރަންޖެހެނު ބޭފުޅަކަށް އަލީ ވަހީދު ވާންޖެހުނު ސަބަބާމެދުވެސް ވިސްނަންޖެހޭ ކަމަށާއި، އެ ސަބަބަކީ ރާއްޖޭގެ އެތައް އަންހެނުންތަކެއްގެ ހައްޤާއި ކަރާމަތާއި އަބުރައް ގަދަކަމުން އަރައިގެންފައިވުންކަމަށެވެ.

ޕީޕީއެމްގެ މެމްބަރުން މިއަދު މަޖިލީހުގައި އަލީ ވަހިދު ދިފާއުކޮށް އޭނާގެ ވާހަކަތައް ގަބޫލުކޮށް އެވާހަކަތައް ދައްކަންފެށުމުން ރައްޔިތުންނަށް އިނގެންޖެހޭކަމަކީ އެމްޑީޕީއަކީ އަދުލުއިންސާފަށް ވަކާލާތުކުރާ ޕާޓީ ކަމަށާއި އަދި ޕީޕީއެމުން މަސައްކަތް ކުރަނީ އަންހެނުންގެ ކަރާމާތަށް އަރާގަނެފައިވާ މީހެއްގެ ދިފާއުގައިކަންކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ އަލީ ވަހީދުވެސް މިހާރު މަސައްކަތް ކުރައްވަމުން އަންނަނީ ކުރީގެ މިނިސްޓަރު މަލީހް ފަދައިން ކުރިއަށް އޮތް ސަރުކާރުތަކުން ޖާގައެެއް ލިބޭތޯ ކަމަށާއި އެހެންނަމަވެސް ދިވެހި ރައްޔިތުން އެފަދަ ބޭބޭފުޅުން ދެން ބަލައިނުގަންނާނެކަމަށް ތައުގޫބް ވިދާޅުވިއެވެ.