Last Updated: June 24, 10:55
Wednesday, June 24, 2026
ޚަބަރު

މަތިވެރީގައި ތިބީ "އައިއެސްއައިއެސް"އަށް ނިސްބަތްވާ ބައެއް: ޖާބިރު

އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

އއ. މަތިވެރީގައި ތިބީ ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓް ޖަމާއަތް، އައިއެސްއައިއެސް އަށް ނިސްބަތްވާ ބައެއްކަމަށް ބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަތިވެރީ ރައްޔިތުންނަށް ބަހުގެ ހަމަލާތައް އަމާޒުކޮށްފިއެވެ.

ޖާބިރު މިފަދައިން މަޖިލީހުގައި ވާހަކަ ދައްކަވާފައިމިވަނީ މަތިވެރި އަށް ޖާބިރު ވަޑައިގަތުމުން އޭނާއާ ދެކޮޅަށް ރައްޔިތުން އިހުތިޖާޖު ކުރަން ފެށުމާއެކު ފުލުހުންގެ ހިމާޔަތުގެ ދަށަށް ދާންޖެހުމުންނެވެ.

އެކަމާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މިވަގުތު ރާއްޖޭގެ އެއްވެސް މީހަކު މަތިވެރިއަށް ދިއުން ރަނގަޅު ނޫންކަމަށާއި، އެރަށުގައި ތިބީ އައެސްއައިއެސްއަށް ނިސްބަތްވާ ބައެއްކަމަށެވެ.

"މަތިވެރިން ތަޅައިގަތީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގައިގަ. މަތިވެރީގެ ރައްޔިތުންނަށް އިނގެންވާނެ އެރަށަކީ ވަރަށް ކުޑަކުޑަ އާބާދީއެއް އޮތް ރަށެއްކަން. އެރަށުގެ އެންމެބޮޑު މުއްސަނދި މީހަކީ މި އަބްދުﷲ ޖާބިރުކަން." ޖާބިރު ވިދާޅުވިއެވެ.

މަތިވެރިއަށް ޖާބިރު ރޭ ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ ޖާބިރާ ދެކޮޅަށް އިހުތިޖާޖުކޮށް ޖާބިރު ރަށުން ބޭލުމަށް ގޮވާލާފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޖާބިރާ ދެކޮޅަށް އެރަށުގެ ރައްޔިތުން އިހުތިޖާޖު ކޮށްފައިވަނީ އެ ރަށުގައި ޖާބިރު ހިންގާ ގެސްޓްހައުސްގެ ބިމު ކުލި ކައުންސިލަށް ނުދައްކާ އަދި އެތަނުގައި މަސައްކަތްކުރާ އެރަށު ރައްޔިތުންގެ މުސާރަ ނުދޭ މައްސަލައިގައެވެ.