Last Updated: June 24, 09:15
Wednesday, June 24, 2026
ޚަބަރު

މަތިވެރި ރައްޔިތުންގެ ދިފާއުގައި ޒަރީރު: ބިމު ކުއްޔާއި މުސާރަ ނުދޭކަމުގެ ޝަކުވާ

މެންބަރު ހަސަން ޒަރީރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަތިވެރީގެ ރައްޔިތުންނާ ގުޅުވާ މަޖިލީހުގައި ދެއްކި ވާހަކަތަކަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ރައްދު ދެއްވައިފިއެވެ.

އެގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ މަތިވެރީގައި ނުގިރާއޮތް އެންމެ ރީތި ސަރަހައްދުން ދެ ބިން ކުއްޔަށް ދީފައިވަނީ ރައްޔިތުން ނުހަނު ބޮޑެތި އުންމީދުތަކަކާ އެކުކަމަށެވެ. ޒަރީރު ވިދާޅުވީ އެ ރަށުގެ ޕްރައިމް ލޮކޭޝަނުން ދެ ބިން ދިގުމުއްދަތަކަށް ކުއްޔަށް ދީފައިވަނީ ސީއެސްއާރްގެ ދަށުން އެ ރަށުގައި އެފަރާތުންވެސް ގިނަ ކަންތައްތަކެއް ކުރާނެކަމަށް ބުނުމުންކަމަށާއި، އެހެންނަމަވެސް މިހާތަނަށް އައި އިރުވެސް ސީއެސްއާރްގެ ދަށުން ކަމެއް ހިންގާފައިނުވާކަމަށެވެ.

"ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ރައްޔިތުންނާ ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވާފައި، އެރަށުގެ ކައުންސިލަށް ހާއްސަކޮށް ކައުންސިލް ރައީސަށް އަވަގުރާނަ ގޮވާފައި، އަދި މައިންބަފައިންނާ އަޅުވާ ގޮވާ ބަސްމޮށުންތެރިކަން ބަހައްޓައިގެނެއް މިގައުމުގަ ބޭނުންހާގޮތަކަށް އުޅެވިގެންނުވާނެ." ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވަނީ ޖާބިރު މަޖިލީހުގައި ވާހަކަ ދައްކަވަމުން މަތިވެރީގެ ރައްޔިތުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށްފައިވާތީ އެކަން ކުށްވެރިކޮށް އެކަން ބެލުމަށް ސަރުކާރަށް ގޮވާލާފައެވެ.

"މަތިވެރީގެ ރައްޔިތުން މިކަން ތަހައްމަލު ކުރަމުން އަންނަތާ ލައްކަ ދުވަސްވެއްޖެ. މަތިވެރީގެ ޕްރައިމް ލޮކޭޝަން ބަޔަކަށް ކުއްޔަށް ދިނީވެސް އެކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި. އެރަށުގެ ކައުންސިލަށް އެތަނުން ކުއްޔަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުލިބި އެބަހުރި." ޒަރީރު ވިދާޅުވިއެވެ.

އަދި އެތަނުގައި މަސައްކަތްކުރާ ދެމަފިރިއަކަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ 80،000 އަށްވުރެއް ގިނަ ރުފިޔާ ނުލިބިގެން އެކަމުގެ ޝަކުވާ އެމީހުންވެސް ކުރަމުން އަންނަކަމަށް ޒަރީރު ވިދާޅުވިއެވެ. އެގޮތަށް އެރަށުގެ އެތައް ރައްޔިތުންނަކަށް ދޭންޖެހޭ ފައިސާ ނުދީ އޮތްކަމަށާއި، އެހެންކަމުން ރަށު ރައްޔިތުންނާއި ކައުންސިލާ ޖާބިރު މަޝްވަރާކޮށް އެކަން ހައްލުކުރުމަށް ޒަރީރު ގޮވާލެއްވިއެވެ.

މަތިވެރިއަށް އިއްޔަ ޖާބިރު އެރުމުން އެ ރަށުގެ ރައްޔިތުން ވަނީ ޖާބިރާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ. އަދި ޖާބިރު ރަށުން ބޭލުމަށް ގޮވާލަންފެށުމުން ފުލުހުންގެ ހިމާޔަތަށް ގެންގޮސްފައިވެއެވެ.