ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ މަކުނުދޫ ދާއިރާއަށް ޖެހިފައިއޮތް "ދުއްތުރާއެއް" ކަމަށް އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން ރާއި ވިދާޅުވީ ޕީއެސްއައިޕީގެ ދަށުން ހިންގުމަށް ބަޖެޓްގައި ޖަހާފައި ހުންނަ ކިތަންމެ ކަމެއް ނުހިނގާ ހުންނަކަމަށެވެ.
ނޭކުރެންދޫގައި އެޅުމަށް ނިންމާފައިއޮތް ޖަލުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ރާއި ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން އެ މަސައްކަތް ބަޖެޓް ކުރެވެމުން އަންނަކަމަށާއި، މިވީ މުއްދަތުގައި އެކަމާ ހަވާލުވެހުރި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އެރަށަށް ގޮސް "ކުކުޅު ކެއުން" ފިޔަވާ އިތުރުކަމެއް ނުވިކަމަށެވެ.
ރާއީ ވިދާޅުވީ ނޭކުރެންދޫ ރައްޔިތުން މިނިސްޓަރު އިމްރާނަށް އަބަދު މަރުހަބާ ކިޔަން ބަނދަރު މައްޗަށް ނިކުންނާނެކަމަށް ދެކިގެން ނުވާނެކަމަށާއި، ދެން ނޭކުރެންދޫއަށް ފުލުހުންގެ ހިމާޔަތުގައި މިނިސްޓަރު އިމްރާން އަރާ ހިސާބަށް ކަންތައް ދާން ބޭނުންނުވާކަމަށެވެ.
"އަޅުގަނޑުގެ ދާއިރާއަށް ޖެހިފައިއޮތް ދުއްތުރާއެއް ޝޭހް އިމްރާނަކީ. އަޅުގަނޑުމެންގެ ދާއިރާގެ ކަންކަން ހުއްޓުވާ." ރާއީ ވިދާޅުވިއެވެ.
ނޭކުރެންދޫ ޖަލުގެ މައްސަލައިގައި މިނިސްޓަރު އިމްރާނަށް ނުހަނު ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ އިމްރާނަކީ އެމްޑީޕީގެ "ތައްޕާހުގައި" ދިރިއުޅޭ ވަޒީރެއް ކަމަށެވެ.
ޖަލުގެ މަސައްކަތަކީ ސިއްރުން ކުރަންޖެހޭ ކަމެއްނޫންކަމަށާއި، އެކަން މިނިސްޓަރު އިމްރާން ލައްވާ ކުރުވާނެކަމަށް ރާއީ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމަށްޓަކައި ކޮންމެ މަހަކު މިނިސްޓަރު އިމްރާން މަޖިލީހަށް ހާޒިރުކުރަން ޖެހުނުނަމަވެސް އެކަންވެސް ކުރާނެކަމަށެވެ.