Last Updated: June 24, 09:15
Wednesday, June 24, 2026
ޚަބަރު

ހުޅުދޫ ބަނދަރު މަސައްކަތް ބާރަށް ކުރިއަށް

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދަމުން އަންނަކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ މަސައްކަތުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރުވަނަ ޝިޕްމަންޓް 21 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ. އަދި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 56 ޕަސެންޓް ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 88,623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުއަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.