Last Updated: June 24, 09:15
Wednesday, June 24, 2026
ޚަބަރު

މިނިސްޓަރު ޝާހިދު ޔޫއެންގައި އިނދެގެން ރާއްޖޭގެ ހާރިޖީ ސިޔާސަތު ރަނގަޅަށް ހިންގާނީ ކިހިނެއް؟: ސަނީފް

މެމްބަރު އަބްދުﷲ ސަނީފް--

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި އިނދެގެން ރާއްޖޭގެ ހާރިޖީ ސިޔާސަތު ރަނގަޅަށް ހިންގޭނެތޯ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ސުވާލު އުފައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަނީފް ވަނީ ބަޖެޓް ކުރެވޭ މަސައްކަތްތައް ނުކުރެވޭ ވާހަކައާއި 2023 ގެ އިންތިހާބުގައި ރައްޔިތުން ގާތަށް ވޯޓު ހޯދުމަށް ދާއިރު ވައުދުވެފައިވާ ކަންކަން ނިންމިފައި ހުންނަންޖެހޭނެކަން ފާހަގަކޮށްފައެވެ.

އެގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ސަނީފް ވަނީ މިނިސްޓަރު ޝާހިދު އދގެ އާންމު މަޖިލީހުގެ ރިޔާސަތުގައި އިނދެގެން ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރެވިދާނެތޯ ސުވާލު އުފައްދަވާފައެވެ.

"މިއަދު އަޅުގަނޑު ސުވާލު އުފައްދަން، ކިހިނެއްތޯ ރާއްޖޭގެ ހާރިޖީ ވަޒީރު ޔޫއެންގެ ރައީސްއަކަށް އިނދެގެން މިގައުމުގެ ހާރިޖީ ސިޔާސަތު ރަނގަޅަށް ހިންގާނީ؟ ބައެއް ބޭފުޅުން އަޅުގަނޑު މި ދައްކާ ވާހަކައަސް ހިތްހަމަ ނުޖެހިދާނެ." ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ ހިތްހަމަނުޖެހުނު ކަމުގައި ވީނަމަވެސް މި ވާހަކަތަކަކީ ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރުމަށް ދައްކަންޖެހޭ ވާހަކަ ކަމަށެވެ.

މީގެ އިތުރުން ސަނީފް ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހުގެނައިރު ކައުންސިލްތަކަށް ބަޖެޓް ކަނޑައަޅާފައިވާގޮތުން ތިނަދޫ ކައުންސިލަށް ދަތިވާކަން ހާމަކޮށްފައެވެ. އެގޮތުން މީގެ ކުރިން ތިނަދޫ ކައުންސިލަކީ ކުޅުދުއްފުށި ކައުންސިލް ގޮތަށް ހިންގަމުން އައި ތަނެއްނަމަވެސް ކުޅުދުއްފުށި މިއަދު ސިޓީއަކަށް ބަދަލުވެ ކުޑަ ފަރަގެއްގެ ސަބަބުން ތިނަދޫއަށް ސިޓިއެއްގެ ދަރަޖަ ނުލިބުމުން ތިނަދޫ ކައުންސިލަސްވެސް ލިބެނީ 3000 މީހުންގެ އާބާދީއެއް އޮންނަ ކައުންސިލްތަކަށް ލިބޭ ބަޖެޓްކަމަށް ސަނީފް ވިދާޅުވިއެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށާއި 3000 މީހުންގެ އާބާދީއެއް އޮންނަ ކައުންސިލްތަކަށް ލިބޭ ބަޖެޓެއް 8700 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށް ލިބިގެން ރަނގަޅަށް ނުހިންގޭނެކަމަށް ސަނީފް ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުން ތިނަދޫއަށް ވެފައިވާ ވައުދުތައް ފުއްދަންޖެހޭކަމަށާއި، ހާއްސަކޮށް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްގެ މަސައްކަތް ފަދަ މަސައްކަތްތައް ހިންގަންޖެހޭކަމަށް ސަނިފް ވިދާޅުވިއެވެ.