Last Updated: June 24, 09:15
Wednesday, June 24, 2026
ޚަބަރު

ހިޔާ ފްލެޓް ސަރަހައްދުގެ ސަލާމަތަށް 56 ފުލުހަކު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް 56 ފުލުހުން ބޭނުންވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

"ހިޔާ ޔޫނިއަން"ގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިއަދު ވަނީ ޕެޓިޝަން ކޮމިޓީއަށް ގިނަ އިދާރާތަކެއް ހާޒިރުކޮށްފައެވެ.

އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ހިޔާގެ 16 ޓަވަރުގައި ގާތްގަނޑަކަށް 35،000 ވަރަކަށް މީހުން އާބާދުވާއިރު އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ފުލުހުން ކުރާނެކަމަށެވެ.

އެގޮތުން ކުރަންޖެހޭ ބައެއް މަސައްކަތްތައް މިހާރުވެސް ކުރިއަށްގެންދަމުން އަންނަކަމަށާއި، އެގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކާވެސް މިހާރު ބައްދަލުކޮށްފައިވާކަމަށެވެ.

މީގެއިތުރުން އެ ސަރަހައްދުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ ގޮތުން ހަތަރުވަނަ ޓަވަރުގެ އެއް ފަންގިފިލާ ފުލުުހުންނަށް ހާއްސަކޮށްފައިވާކަމަށް ބުނެފައިވެއެވެ. 16 ޓަވަރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް 56 ފުލުހުން ބޭނުންވާނެކަމަށާއި، އެ ފުލުހުން ހޯދުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ކުރަމުން އަންނަކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

މިހާރުވެސް އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޕެޓްރޯލް ކުރެވޭކަން ފާހަގަކޮށްފައިވެއެވެ.