Last Updated: March 28, 21:27
Thursday, March 28, 2024
ޚަބަރު

ސަރުކާރުން ފައިސާ ލައިގެންވިޔަސް ފްލެޓްތަކުގެ ކުލި 5000ރ އަށް ކުޑަކުރަން ގޮވާލައިފި

މެމްބަރު އަހުމަދު ސަލީމް--

ސަރުކާރުން ފައިސާ ލައިގެން ވިޔަސް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގޮވާލައްވައިފިއެވެ.

"ހިޔާ ޔޫނިއަން"ގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިއަދު ވަނީ ޕެޓިޝަން ކޮމިޓީއަށް ގިނަ އިދާރާތަކެއް ހާޒިރުކޮށްފައެވެ.

އެ ޕެޓިޝަންގައި އެ ފަރާތްތަކުން އެދިފައިވަނީ ފްލެޓުތަކުގެ ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް އަމިއްލަ އަތުން ފިނިޝިން އަށް ހޭދަވާ ހަރަދުން އެއް ލައްކަ ރުފިޔާ ސަރުކާރުން ދިނުމަށެވެ.

މި މައްސަލައިގައި ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ފްލެޓްތަކުގެ ކުލި ބޮޑުވެފައިވަނި އެ ޕްރޮޖެކްޓުގައި ކުރީ ސަރުކާރުން ހިޔާނާތް ހިންގާފައި އޮތުމުންކަމަށެވެ. އަދި އެވަރުގެ ތަނަކަށް ކުލީގެ ގޮތުގައި ބޮޑު އެއްޗެއްނެގުމަކީ ރައްޔިތުންނަށް ވެވޭ އަނިޔާއެއްކަމަށް ސަލީމް ވިދާޅުވިއެވެ.

ސަރުކާރުން ވަރަށް ގިނަ ކަންކަމުގައި ސަބްސިޑީ ދޭކަން ފާހަގަކޮށް ސަލީމް ވިދާޅުވީ މިކަމުގައިވެސް ސަރުކާރުން ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައިދޭންޖެހޭކަމަށެވެ. އަދި 5000 ރުފިޔާއަށް ފްލެޓް ކުލީގެ އަގު ކުޑަކޮށްދިނުމަށްވެސް ސަލީމް ވަނީ ގޮވާލައްވާފައެވެ.

ހިޔާ ފްލެޓްގެ ކުއްޔަށް 7500 ރުފިޔާ އަދި ސާވިސް ފީ އެއްގެ ގޮތުގައި 1000 ރުފިޔާ ޖުމުލަ 8500 ރުފިޔާ ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.