Last Updated: April 20, 17:52
Saturday, April 20, 2024
ކުޅިވަރު

ޔުނައިޓެޑް ކަޓައިފި، އާސެނަލާއި ޗެލްސީ އަނެއް ބުރަށް

އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އާސެނަލާއި ޗެލްސީ ހަތަރުވަނަ ބުރަށް ދަތުރުކުރިއިރު، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފި އެވެ.

އާސެނަލުން 3-0 އިން ވިމްބަލްޑަން ބަލިކުރިއިރު، ޗެލްސީން ވަނީ 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 4-3 އިން އެސްޓަން ވިލާ ބަލިކޮށް އަނެއް ބުރަށް ދަތުރުކޮށްފައެވެ. މުބާރާތުން ޔުނައިޓެޑް ކެޓީ އަމިއްލަ ދަނޑުގައި ވެސްޓްހަމް ޔުނައިޓެޑާއި ބައްދަލުކޮށް 1-0 އިން ބަލިވުމުންނެވެ.

ޔުނައިޓެޑާއި ވެސްޓްހަމް މިދިޔަ އާދީއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ބައްދަލުކޮށްފައިވެއެވެ. އެ މެޗުން 2-1 އިން ޔުނައިޓެޑް މޮޅުވިއިރު ރޭގެ މެޗަށް ދެ ޓީމުން ވެސް ނިކުތީ ގިނަ ބަދަލުތަކާއެކުގައެވެ. އެގޮތުން ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 8 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެނުއަލް ލަންޒީނީ އެވެ.

ނަތީޖާ އެއްވަރުކުރަން ޔުނައިޓެޑުން ދެވަނަ ހާފްގައި ބްރޫނޯ ފެނާންޑޭސް އާއި މޭސަން ގްރީންވުޑް ކުޅެން އެރުވި ނަމަވެސް އެޓީމަށް ވަނީ ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

ޗެލްސީ އާއި އެސްޓަންވިލާ ރޭ ބައްދަލުކުރި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޗެލްސީންނެވެ. އެގޮތުން 54 ވަނަ މިނެޓްގައި މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ ޓިމޯ ވާނާއެވެ. ނަމަވެސް މެޗުގެ 64 ވަނަ މިނެޓްގައި އެސްޓަންވިލާގެ ޒުވާން ފޯވާޑް ކެމަރަން އާޗާ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްފައެވެ. މެޗު 1-1 އިން ނިމުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެެވެ.

ޗެލްސީން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ބެން ޗިލްވެލްގެ ޕެނަލްޓީ އެވެ. ޗެލްސީގެ ރޮމެލޫ ލުކާކޫ، މޭސަން މައުންޓް އަދި ރޮސް ބާކްލީ ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. އެސްޓަން ވިިލާއިން ޕެނަލްޓީ ކާމިޔާބުކުރީ އަންވަރު އެލްގާޒީ، އެޒްރީ ކޮންސާ އަދި އެމީ ބުއެންޑިއާ އެވެ. އެ ޓީމުގެ އެޝްލީ ޔަންގާއި ނަކަމްބާ ޖެހި ޕެނަލްޓީ ކާމިޔާބު ވެފައެއް ނުވެއެވެ.

މީގެއިތުރުން ވިމްބަލްޑަންގެ މައްޗަށް އާސެނަލް އިން ކުރި ހޯދި މެޗުގައި އެޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލެކްސަންޑަ ލަކަޒޭޓް، އެމީލް ސްމިތު ރޯވް އަދި އެޑީ އެންކެޓިއާ އެވެ. އަދި ޕެނަލްޓީގައި 3-2 އިން ވުލްވްސް ބަލިކޮށް ޓޮޓެންހަމް އިން ވެސް ވަނީ މުބާރާތުގެ އަނެއް ބުރަށް ދަތުރުކޮށްފައެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުގައި ޗެލްސީ ބައްދަލުކުރާނީ ސައުތްހެމްޓަންއާއެވެ. އާސެނަލް އިން ލީޑްސް ޔުނައިޓެޑާއި ބައްދަލުކުރާއިރު، ވެސްޓްހަމް ނިކުންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ. އަދި ލިވަޕޫލް އިން ޕްރެސްޓަން އާއި ބައްދަލުކުރާއިރު ޓޮޓެންހަމް ބައްދަލުކުރާނީ ބާންލީއާއެވެ.