ދިވެހި ސަރުކާރުން އިންޑިއާ އާއެކު ހަދާފައިވާ ތިން އެއްބަސްވުމެއްގެ އަސްލު މަޖިލީހުގެ 241 ކޮމިޓީއަށް ހިއްސާކުރުމަށް އެ ކޮމިޓީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ސެޕްޓެމްބަރު 22 ވަނަ ދުވަހު އާދަމް ޝަރީފް ފޮނުވާފައިވާ ސިޓީގައި ވަނީ އުތުރުތިލަފަޅު ތަރައްޤީކުރުމާބެހޭ އެއްބަސްވުމުގެ އަސްލު، 241 ކޮމިޓީއަށް ލިބޭނެގޮތް ހައްދަވައިދެއްވުންއެދި 15 މާރޗް 2021 ގައި މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާކަން ފާހަގަކޮށްފައެވެ.
"ދިވެހިރާއްޖެއާއި އިންޑިއާއަކީ ވަރަށް ރަޙުމަތްތެރި ދެޤައުމަށްވާއިރު، ދެޤައުމުގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އެކުވެރިކަމަށް ބުރޫއަރާފަދަ ކަންކަން ވުމަކީ ދެ ޤައުމުގެ ރައްޔިތުންނާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލި، ދުނިޔޭގެ އެހެން ނުފޫޒުތަކުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެތެރެއަށް ވަނުމުގެ ފުރުޞަތު ބޮޑުވާނެ ކަމެކެވެ." އާދަމް ޝަރިފްގެ ސިޓީގައި ބުނެފައިވެއެވެ.
އާދަމް ޝަރީފްގެ ސިޓީގައި އެދިފައިވަނީ ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަމެއް ނެތްކަން ކަށަވަރު ކުރުމަށްޓަކައި، އުތުރުތިލަފަޅު ތަރައްޤީކުރުމާބެހޭ އެއްބަސްވުމާއި، ހައިޑްރޮގްރަފީއާބެހޭ އެއްބަސްވުމާއި އަދި ޑޯނިއަރ މަތިންދާ ބޯޓާބެހޭ އެއްބަސްވުމުގެ އަސްލު ހޯއްދަވައި، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ދިރާސާ ކުރައްވައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަންކަން ހުރިތޯ ބައްލަވައިދެއްވުމަށެވެ.