Last Updated: June 24, 09:15
Wednesday, June 24, 2026
ޚަބަރު

އެމްއެންޑީއެފްގެ ސެކިއުރިޓީ ހަމަޖައްސައިދިނުމަށް ޖާބިރު އެދިވަޑައިގެންފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު - މަޖިލިސް

އެމްއެންޑީއެފްގެ ސެކިއުރިޓީ ހަމަޖައްސައިދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް އެޑްރެސްކޮށް ޖާބިރު މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، އޭނާ މަރާލާނެކަމުގެ އިންޒާރު ތަކުރާރުކޮށް ލިބެމުން އަންނަކަމަށެވެ. އަދި މިފަހުން އއ. މަތިވެރިއަށް ކުރި ޒިޔާރަތުގައި ބަޔަކު ނިކުމެ އޭނާ މަރާލުމަށް ދިން ހަމަލާއިން ސަލާމަތްވެފައިވާކަމަށެވެ.

އެހެންކަމުން އޭނާއަކީ މަޖިލީހުގެ މެމްބަރަކަށް އަދި ޑިއާރްޕީގެ ލީޑަރަށް ވީތީ، އެމްއެންޑީއެފް މެދުވެރިކޮށް އެންމެ އަވަސް ގޮތެއްގައި އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ ލިބޭނެގޮތް ހަމަޖައްސައިދިނުމަށް އެދިފައިވެއެވެ.

މިފަހުން މަތިވެރިއަސް ޖާބިރު ދިއުމުން އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ވަނީ ޖާބިރާ ދެކޮޅަށް އަޑުގަދަކޮށް އޭނާ ރަށުން ބޭލުމަށް ގޮވާލާފައެވެ. އެރަށު ރައްޔިތުންގެ ހިތްހަމަނުޖެހުން އެފެދިފައިވަނީ އެރަށުގައި ޖާބިރު ހިންގާ ހޮޓަލުގެ ބިމު ކުލި ކައުންސިލަށް ނުދައްކާތީ އާއި އެތަނުގައި މަސައްކަތްކުރި ފަރާތްތަކަކަށް ދޭންޖެހޭ މުސާރަ ނުދީ އޮތުމުންނެވެ.