މި ސަރުކާރު ގެންނަން މަސައްކަތްކުރި އެންމެންތިބީ މާޔޫސްވެފައި ކަމަށް ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކޮށް ޖިންސީ ގޯނައިގެ ދައުވާ އުފުލާފައިވާ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލިތާ ތިން އަހަރު މިއަދަށް ވެފައިވާއިރު އެކަމާ ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މީގެ 3 އަހަރުކުރިން މިދުވަހު ރައްޔިތުން ވޯޓުލީ ނުހަނު އުންމީދުގަ ހެޔޮ ބަދަލަކަށް ކަމަށެވެ.
"އުކުޅަހު ބަޣާވާތުގެ މޭސްތިރިންފިޔަވައި މި ސަރުކާރު ގެންނަން މަސައްކަތްކުރި އެންމެންތިބީ މާޔޫސްވެފައި" އަލީ ވަހީދުގެ ޓްވީޓްގައިވެއެވެ.
މި ސަރުކާރު އައިފަހުން ތަރައްޤީ ދިޔައީ ފަހަތަށް ކަމަށާއި، އިންސާފު ދިޔައީ އެންމެ ލޯފާމަކަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި މިކަން ބަދަލުކުރާނެ ކަމަށްވެސް އަލީ ވަހީދުގެ ޓްވީޓްގައި ބުނެފައިވެއެވެ.
ވިސާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރި އަލީ ވަހީދު މިފަހުން ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވާ އޭނާގެ ދިފާއުގައި އެހެންމީހުންގެ މައްސަލަތައްކަމަށް ބުނެ ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން ސަރުކާރަށް ފާޑުކިޔާ ރައީސް ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.
ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއްނުވެއެވެ. އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ. އަދި އެ ޖަލު ހުކުމް ތަންފީޒު އިންޓަޕޯލްގެ އެހީ ހޯދާނެކަން ދިވެހި ފުލުހުން ހާމަކޮށްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ އުފުލާފައެވެ.