Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

މަގުހަދަން ހުރި ވެހިކަލްތައް ގެންދާތީ އައްޑޫ ރައްޔިތުން އިހުތިޖާޖު ކުރަނީ

އައްޑޫސިޓީގައި މަގު ހެދުމަށް ހުރި ވެހިކަލްތައް އެސިޓީން ގެންދާތީ ރައްޔިތުން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އައްޑޫގެ ޕަބްލިކް ވޯކްސްއަށް ގެނެސްފައި ހުރި ވެހިކަލްތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެނެސްފައިވާ ތަކެތި ހިމެނެއެވެ. މީގެކުރިންވެސް އެކި ފަހަރުމަތިން އައްޑޫގައި ހުރި ވެހިކަލްތައް އެހެން ރަށްރަށަށް މަސައްކަތްތައް ގެންދިއުމުގެ ސަބަބުން އައްޑޫގެ މަސައްކަތްތައް ނުކުރެވި ވަނީ ހުއްޓިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ވެހިކަލްތައް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަނީ އާރްޑީސީގެ ވެހިކަލްތަކެއްގެ ގޮތުގައި މަސައްކަތުގައި ބޭނުންކުރުމަށެވެ. އައްޑޫސިޓީގެ ކުރީގެ ކައުންސިލް އޮތްއިރުވެސް މި ވެހިކަލްތައް ގެންދިއުމަށް މަސައްކަތްކުރި ނަމަވެސް އޭރު ކައުންސިލުން މިތަކެތި ދޫކޮށްފައެއްނުވެއެވެ. އަދި މިފަހަރު ވެހިކަލްތައް ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ ކައުންސިލަސްވެސް ނޭންގިކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫގައި މަގުހެދުމަށް އަދި އެކި ޕަބްލިކް ވޯކްއަށް ބޭނުންކުރާ ވެހިކަލްތައް ގެންދިއުމަށް މަސައްކަތް ފެށި ހިސާބުން ރައްޔިތުން އެކަމުގައި ނުރުހުންފާޅުކޮށް އިހުތިޖާޖު ފަށާފައިވާއިރު ވެހިކަލްތައް ގެންދިއުމަށް އަރުވާފައިވާ ބާޖަށްވެސް ރައްޔިތުން އަރާފައިވެއެވެ.

ރައްޔިތުން އިހުތިޖާޖު ކުރަމުން އަންނަނީ މި ވެހިކަލްތައް ގެންގޮސްފިނަމަ މަގު ހެދުމުގެ މަސައްކަތްތައް ހުއްޓިދާނެއެވެ. އާބާދީ ބޮޑު އަދި ވެހިކަލްތައް ގިނަ އައްޑޫގެ މަގުތައް ނެހެދޭތީ ރައްޔިތުން އަބަދުވެސް އަންނަނީ ޝަކުވާ ކުރަމުންނެވެ.