އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައިސް ސޯލިހް ތަޤްރީރު ކުރައްވާފައި ވަނީ ދިވެހި ބަހުންނެވެ. އެގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ އ.ދ ގެ އާންމު މަޖިލީހުގައި ވާހަަކަ ދައްކަވަނީ ދިވެހިންގެ މާދަރީ ބަހުން ކަމަށާ ދިވެހި ބަހަކީ ދިވެހިންނަށް އަސަރުގަދަ އަދި އެންމެ ފޮނި ބަސް ކަަމަށެވެ. އަދި މިއީ ގައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫންކަމަށް މުޅި ދުނިޔެ ހެކިވާ ވަގުތު ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި 56 އަހަރު ކުރީން ދިވެހީންނަށް މިނިވަންކަން ލިބުމާއެކު އެންމެ އަވަސްވެ ގަތީ އ.ދ ގެ މެންބަރަކަށް ރާއްޖެ ހެދުމަށް ކަމަށާއި ނަމަވެސް އެކަން ހާސިލުވާނެ ކަމުގެ ޔަގީން ކަމެއް އެ ދުވަހު ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެއީ އިސްތިއުމާރީ ބާރުތައް ލޫދެމުންދިޔަ ދަނޑިވަޅު ކަމަށާއި ގައުމުތައް ވީއްލި މިނިވަންވަމުން ދިޔަ ފަހުގެ ތާރީހު ދެއްކި އާ ޒަމާން ކަމަށްވާއިރު އެއީ އަމިއްލަ ހިތްވަރާއި މިންނަތުން ބައްރުތައް ހިންދެމިލާ އެތަކެއް ގައުމު އަލަށް އުފަން ކުރުވި ރަން ޒަމާން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައިވަނީ މިނިވަން ޤައުމެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަންނަން ގޮވާލައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހް ވަނީ އެކިގައުމުތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. އަދި އ.ދ.ގެ މައި އިދާރާގައި ބޭއްވި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ "ކްލައިމެޓް މޮމެންޓް"ގައި ވާހަކަފުޅު ދައްކަވާފައިވެއެވެ.
މި ދަތުރުފުޅުގައި ރައީސް ސޯލިހްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ރައީސް ސޯލިހް މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 28 ވާ އަންގާރަ ދުވަހުގައެވެ.