Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

ބަރުލަމާނީއަށް ތާއީދުކުރާ 53 މެމްބަރަކު އިންތިހާބުވި: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މުންޝިދު

ބަރުލަމާނިއަށް ތާއީދުކުރާ 53 މެމްބަރަކު އެމްޑިޕީގެ ގައުމީ މަޖިލީހަށް އިންތިހާބު ވެފައިވާކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ "96 ގޮނޑި އިންތިހާބު ކުރިއިރު، ބަރުލަމާނީއަށް ތާއީދުކުރާ 53 ބޭފުޅުން އިންތިހާބު ވެއްޖެ"ކަމަށެވެ.

މިއަދު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައިވެސްވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ގިނަ ކެނޑިޑޭޓުން އެމްޑީޕީ ގައުމީ މަޖިލީހަށް އިންތިހާބުވިކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަކީ ޕާޓީގެ އެންމެ ބާރުގަދަ ގުނަންކަމަށްވާއިރު ގައުމީ މަޖިލިސް އެކުލެވިގެންވަނީ ޕާޓީގެ ޗެއާޕާސަން، އެމްޑިޕީ ވެރިކަމުގައި އޮންނައިރު ރައިސުލްޖުމްހޫރިއްޔާއާއި ރައީސްގެ ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން، ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުން، ޕްރޮވިންސްތަކުގެ ސެކްޓޭރިއަޓްގެ ރައީސުން، ދާއިރާތަކުގެ ރައީސުން، ޗެއާޕާސަންގެ ނައިބުއިދާރި އާއި ޗެއާޕާސަންގެ ނައިބު މާލީ، އަންހެނުންގެ ރޫހުގެ ރައީސް، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައިސްގެ މައްޗަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ރައީސް ސޯލިހަށް ތާއީދުކުރާ ފަރާތްތަކުން ކާމިޔާބު ކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ އެކަމަށް ރައްދު ދެމުންނެވެ.