އިންޑިއާގައި ތަމްރީން ހަދަމުންދަނިކޮށް ނިޔާވި ސިފައިންގެ އއ. ހިމަންދޫ، ރޯޒްމީޑް ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ ހަށިގަނޑު މިއަދު މާލެ ގެންނާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ސުލްތާންގެ ހަށިގަނޑު މާލެ ގެންނަ ފްލައިޓް ޖައްސާނީ 12:35 ގައި ކަމަށެވެ. އަދި ޖަނާޒާގެ ކަންކަން ކުރިއަށްގެންދެވޭނީ ރަސްމީ އިއްޒަތުގައި ކަމަށް ވެސް ބުނެފައިވެއެވެ.
ސުލްތާން ނިޔާވުމާ ގުޅިގެން އެންޑީއޭއިން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ ކުރިއަށްގެންދިޔަ ފިޒިކަލް ޓްރޭނިންއެއްގެ ތެރެއިން ސުލްތާން ވެއްޓުނީކަމަށެވެ. އަދި ސުލްތާން ވެއްޓުމުން ވަގުތުން އޭނާއަށް އެޓެންޑް ވެފައިވާކަމަށެވެ.
އެންޑީއޭގެ ސްޓޭޓްމެންޓްގައި ބުނެފައިވަނީ، މިކަމާ ގުޅިގެން އިންކުއަރީއެއް ހެދުމަށް ނިންމާފައިވާކަމަށާއި އަދި ސުލްތާން މަރުވި ސީދާ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށްވެސް ނިންމާފައިވާކަމަށެވެ.
ސުލްތާންގެ މަރާގުޅިގެން ޕޫނޭ ސިޓީ ޕޮލިސްގެ ޑެޕިއުޓީ ކޮމިޝަނަރ އާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައިވާގޮތުގައި، ފިޒިކަލް ޓެރޭނިންގެ ތެރެއިން ސުލްތާން ވެއްޓުމާއެކު ވަގުތުން އޭނާ ވަނީ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަން ހާމަކޮށްފައިވެއެވެ.
2018 އޭޕްރިލް 8 ވަނަ ދުވަހު ސިފައިންގެ ހިދުމަތާ ގުޅިލެއްވި ސުލްތާން ފުރިހަމަ ކުރަމުންދިޔައީ 2021 މާޗް 1 އިން 2024 މާޗް 15 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.