އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެސްއޯއެފްގެ މީހުންނަށް ދައުވާ ނުކުރަން ނިންމާފައިވާކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުމުގެތެރެއިން މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ އެސްއޯއެފްއަށް ދައުވާ ނުކުރުމަށް ނިންމާފައިވާކަމަށެވެ.
ޕީޖިގެ ވަކީލް ވިދާޅުވި ހިޔާނާތުގެ މައްސަލައިގައި އެސްއޯއެފް ފާހަގަކުރެވިފައިވަނީ "އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމަށް ގެންގުޅުނު ފްރަންޓެއް"ގެ ގޮތުގައި ކަމަށެވެ.
އެސްއޯއެފްއަށް ދައުވާ ނުކުރުމަށް ނިންމި ސަބަބު ހާމަކުރަވަމުން ޕީޖީގެ ވަކީލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ފެންނަން ހުރީ ޗެކުތައް މެދުވެރިކޮށް، ޖަމާކުރި ފައިސާ އެކަނި ކަމަށެވެ. އެނޫން ފައިސާ ދިޔަގޮތުގެ މަނީ ޓްރެއިލް ހޯދުން މުހިންމުކަމަށް ފެނުނުކަމަށާއި، އަދި އެކަމުގައި އުޅެފައިހުރީ އެސްއޯއެފްގެ މީހުން ކަމުން އެމީހުންގެ މައްޗަށް ދައުވާ ނުކޮށް އެމީހުންގެ އެހީތެރިކަން މިކަމުގައި ހޯދުމަށް ނިންމާފައިވާކަމަށެވެ.
ދައުލަތުން މިއަދު ކޯޓުގައި ހާމަކުރި ގޮތުންނަމަ ތަހުގީގަށް މިހާތަނަށް ހޯދުނުގޮތުން އެސްއޯއެފްގެ އެކައުންޓަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގެ ގޮތުގައި 70 މިލިއަން ޑޮލަރު އަދި 100 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.

އެސްއޯއެފްގައި އިސްކޮށް ހުރި މުހައްމަދު އައްލާމް ލަތީފް، އަހުމަދު އިޝްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) ހޯދުމަށް މީގެކުރިން ރެޑް ނޯޓިސް ނެރުނުނަމަވެސް ފަހުން ވަނީ އެ ރެޑް ނޯޓިސްވެސް ބާތިލުކޮށްފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވަނީ ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުންހަދާ ކުށަށް އިއުތިރާފްވެ އަދަބު ތަންފީޒުކުރަމުންނެވެ.