Last Updated: April 18, 22:36
Thursday, April 18, 2024
ރިޕޯޓް އެމްޑީޕީ ގައުމީ މަޖްލިސް އިންތިހާބު

އެންމެ ބޮޑު ޗެލެންޖާއި ކުރިމަތިލައި އެންމެ ބޮޑު ކާމިޔާބީއަށް

"ހުރިހާ ދިމާލަކުން އައި ގޮންޖެހުންތައް، ނުވިތާކަށް ޕާޓީގެ ޗެއާޕަސަންވެސް އެންމެ ފަހު ވަގުތުވެސް ނޫސްވެރިންގެ ބައްދަލުވުގައި މި ވިދާޅުވަނީ މަހްލޫފަށް ކުރިމަތިލެވޭނެ ކަމަށް ގަބޫލެއް ނުކުރަމޭ،" މިއީ މަހްލޫފަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަހްލޫފު ވިދާޅުވި ވާހަކައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެންމެ ފަރަގު ބޮޑުކޮން ކާމިޔާބުކުރި އެއް ބޭފުޅަކީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ. އެމްޑީޕީގެ ވަޒީރެއްގެ ގޮތުން މިހާރުވެސް ގައުމީ މަޖިލީހުގައި އިންނަވާ މަހްލޫފު މި އިންތިހާބުގައި ކުރިމަތިލެއްވީ މަތިއުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމަށެވެ.

އިންތިހާބުގައި ވާދަކުރަން ބޮޑެތި ހުރަސްތަކެއް ކުރިމަތިވި

މަހްލޫފު މަތިއުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމަށް ކުރިމަތިލީ އެ ދާއިރާއަށް ކުރިމަތިލި އެންމެ ފުރަތަމަ ކެންޑިޑޭޓެއްގެ ގޮތުގައި އެވެ. ނަމަވެސް މަހްލޫފަށް އެ މަގާމަށް ކުރިމަތިލީފަހުން އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީން ވަނީ ދައިރާތަކުގެ ހިންގާ ކޮމެޓީއަށް ކުރިމަތިލެވޭނެ މީހުންގެ އާ ޝަރުތުތަކެއް ކަނޑައަޅާފައި އެވެ. އޭގައިވާ ގޮތުން އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައިވާ މީހުން ކަމަށްބުނެ އެސެޓްރިކަވަރީ ކޮމިޝަނުން ނެރުނު ލިސްޓްގައިވާ މީހަކަށް އިންތިހާބުގައި ވާދައެއްނުކުރެވޭނެ އެވެ. މިއާއެކު މަހްލޫފުގެ ނަންވެސް އެ ލިސްޓްގައި އޮތްކަމަށްބުނެ މަހްލޫފަށް ކުރިމަތި ނުލެވޭނެ ކަމަށް ނިންމިއެވެ. އެއާއެކު މަހްލޫފަށް ޖެހުނީ އޭނާއަށް ކުރިމަތި ނުލެވޭނެ ގޮތައް ނިންމި ނިމުން ބާތިލްކުރާށެވެ. އެހެންވެ އެ ޕާޓީގެ ޝަކުވާ ކޮމެޓީއަށް އެ މައްސަލަ ހުށައެޅި އެވެ. އެ ޝަކުވާއަށް ޖަވާބެއް ނުލިބި ވެސް އެތައް އިންތިޒާރެއް ކުރަންޖެހުނެވެ.

ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް — ފޮޓޯ: ރައީސް އޮފީސް

އިންތިހާބުގެ ވަގުތު ކުޑަތަންވަމުން އައިރުވެސް މަހްލޫފު އުޅުއްވަން ޖެހުނީ އިލެކްޝަންސް ކޮމިޝަނުގައި އޭނާގެ އިންތިހާބީ ހައްގު ކަށަވަރުކުރުމުގައި އެވެ. އޭނާއަށް ކުރިމަތިލެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދިން ފެހި ސިގްނަލްއާއެކު ދެން ވަޑައިގެންނެވީ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށެވެ. އެތަނުން އޭނާއަށް ކުރުމަތިލެވޭނެ ކަމަށް ނިންމި ނަމަވެސް އެއީވެސް އެހާ ފަސޭހަކަމަކަށްވެސް ނުވި އެވެ.

"އިސްތިއުނާފު ކޮމެޓީގެ ނިންމުންވެސް ނުލިބިގެން އުޅެފައި އެހާ ހާލުން އެ ނިންމުންވެސް ލިބުނީ،" މަހްލޫފު ވިދާޅުވި އެވެ.

ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގަންނަވަން ޖެހުނީ ސަސްޕެންޝަނުގައި ހުންނަވައިގެން

ޔޫތު މިނިސްޓަރުކަމުގައި ހުންނެވި ނަމަވެސް މަހްލޫފު ހުންނެވީ އޭސީސީންކުރާ ތުހްމަތުތަކާ ގުޅިގެން ސަސްޕެންޝަނުގައި އެވެ. މިނިސްޓަރު ވިދާޅުވާ ގޮތުން ނަމަ ދައުވާ ކުރާނެ ކަމެއްވެސް ނުކުރާނެ ކަމެއްވެސް ނޭނގޭ ހާލެއްގައި" އެވެ. އެ ހާލުގައި ހުންނަވައިގެން ރަށްރަށުގައި ހުރި ބޮޑެތި މައްސަލަތަކާ ކުރިމަތިލައްވައި އެކަންކަމަށް މިނިސްޓަރެއްގެ ހައިސިއްތުން ކުރެއްވެން ހުރި ކަމެއް ކުރައްވާނެކަމަށް ވިދާޅުވި އެވެ. އެކަމު އެއީ މަހްލޫފު ވިދާޅުވާފަދަ ބޭ އިންސާފުން ޖަލަށް ވަޑައިނުގެން ހުންނެވިއްޔާ އެވެ. އެހެން ކަމުން މަހްލޫފު އިންތިހާބުކުރިއްޔަސް މިނިސްޓަރުކަމުގައި ހުންނަވާނެ ކަމުގެ ޔަގީންކަމެއް ވޯޓުދޭން ތިބި މީހުނަކަށްވެސް ނެތެވެ.

އެމްޑީޕީގެ އިސް ލީޑަރުން މަހްލޫފަށް އެންޓިކެމްޕެއިންކުރި

އެނގިފައިވާ ގޮތުގައި މަހްލޫފަށް ވޯޓު ނުދޭން އެމްޑީޕީގެ އެންމެ އިސް ސަފުން މީހުން އާއްމު މެންބަރުންގެ ގާތު އެދިފައި އެބަ ހުއްޓެވެ. އެގޮތުން އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބުނު ގޮތުގައި ރަށެއްގެ ކައުންސިލަރަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެތިން ފަހަރަކު ގުޅުއްވައި، މަހްލޫފަށް ވޯޓު ނުދޭން އެދިވަޑައިގަތެވެ.

މަހްލޫފާއި އަނބިކަނބަލުން: މަހްލޫފުވަނީ މެދު އުތުރުޕްރިވިސްގެ ރައީސްކަން ކާމިޔާބު ކުރައްވާފައި

އަދި އެހެންމެ މަހްލޫފަށް ވޯޓު ދިނުމަކީ "ރައީސް މައުމޫނަށް ވޯޓުދިނުން" ކަމަށްބުނެ އެ ޕާޓީގެ އިސް ބޭފުޅުން އާއްމު މެމްބަރުން ގާތު ވާހަކަ ދައްކަވާފައި ހުރިކަމަށް ވަނީ މައުލޫމާތު ލިބިފައިއެވެ. އެމްޑީޕީގެ ތާއީދުބޮޑު ބޭފުޅުންގެ ބަހާ ދެކޮޅަށް މަހްލޫފު އާއްމު މެމްބަރުން ގާތައް ވަޑައިގަންނަވާ ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތަކީ އެތެރެއިން ކުރިމަތިލައްވަން ޖެހުނު އެންމެ ބޮޑު ޗެލެންޖެވެ.

އުތުރު ޕްރޮވިންސްގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި

ކެމްޕެއިނަށް ވަޑައިގަތުމަށް މަހްލޫފު ހުންނެވީ ކެތްމަދުވެފައިއެވެ. އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުން ލިބިވަޑައިގަތުމުން ޖެހިގެން އައި ދުވަހުގެ ހެނދުނު މަހްލޫފު ވަނީ އުތުރު ޕްރޮވިންސްގެ ރައީސްގެ ކެމްޕެއިނަށް ދަތުރުފައްޓަވާފައި އެވެ. ކ، އއ، އދ، ވ ނިންމަވާލެއްވީ އެމްޑީޕީގެ އާއްމު މެމްބަރުންގެ އަޑު އައްސަވާފައި އެވެ. މަތިއުތުރު ޕްރޮވިންސްގައި ހިމެނޭ 32 ރަށަށް ވަޑައިގެންނެވިރު ބައެއް ރަށްތައް މޮނިޓަރިންގައި އޮތުމުން އާއްމު މެމްބަރުންނާ ބައްދަލު ކުރަން ޖެހުނީ ރަށަށް ފައިބާވަޑައިނުގެން ލޯންޗްގައި ހުންނަވައިގެންނެވެ. ކޮންމެ ރަށެއްގައި ތިބި އެމްޑީޕީގެ އިސް މީހުންނާ ސީދާ މަހްލޫފު ގުޅުއްވައި އާއްމު މެމްބަރުންނާ ބައްދަލު ކުރައްވަން ބޭނުންވެލައްވާކަން އެންގެވި އެވެ.

ރަށްރަށުގެ ކައުންސިލަރުންނާ ބައްދަލު ކުރެއްވި އެވެ. ދޮރުން ދޮރަށް ކެމްޕެއިން ކުރެއްވި އެވެ. މަހްލޫފާ ވާދަކުރި ދެން ތިބި އެހެން އެއްވެސް ކެންޑިޑޭޓަކަށް މި އިންތިހާބުގައި ހުރިހާ ރަަށަކަށް ނުދެވެ އެވެ.އެ ވަރުގެ ކެމްޕެއިނެއް ނުކުރެއްވެ އެވެ.

2210 ވޯޓުގެ ފަރަގެއް، ތާރިހީ ކާމިޔާބީއެއް

ދަތިއުނދަގޫތަކަށް ފަހު މަހްލޫފު ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މަހްލޫފާ އެންމެ ގާތުން މި އިންތިހާބުގައި ވާދަކުރެއްވީ ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި ކ.އަތޮޅު ކައުންސިލްގެ ރައީސަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އަލީ ޝާހީންނެވެ. 3329 ވޯޓުން މަހްލޫފު މި އިންތިހާބު ކާމިޔާބު ކުރެއްވިއިރު ޝާހީނަށް މި އިންތިހާބުގައި ލިބުނީ 1119 ވޯޓެވެ. މިއީ މަހްލޫފާ 2210 ވޯޓުގެ ތަފާތެކެވެ. މި ދާއިރާއަށް ދެން ވާދަކުރި ނައީމަށް ލިބުނީ 236 ވޯޓެވެ.

ބޮޑު ކާމިޔާބީގެ ސިއްރަކީ ކޮބާ؟

މަހްލޫފު ވިދާޅުވާ ގޮތުން އޭނާއަށް މިކާމިޔާބީ ލިބުމުގެ ސިއްރަކީ މި ސަރުކާރު ގެނައުމަށް ކުރި ބުރަ މަސައްކަތާއި މިނިސްޓަރުކަމުގައި ކުރެއްވި ބުރަ މަސައްކަތެވެ.

މިއީ މިހާތަނަށް އޭނާ ހޯދި އެންމެ ގިނަ ވޯޓެވެ. އަދި އެންމެ ބޮޑު މަސައްކަތްކަމަށްވެދާނެ އެވެ. އެމްޑީޕީގެ ތާރީހީ މި އިންތިހާބުގައި މަހްލޫފު އެކަމު ހާއްސަވަނީ ކުރިމަތިލި ބޮޑު ގޮންޖެހުންތަކުގެ މައްޗަށް އެ ހޯއްދެވި ކާމިޔާބީ އެވެ.