އިންޑިއާގައި ތަމްރީން ހަދަމުންދަނިކޮށް ނިޔާވި ސިފައިންގެ އއ. ހިމަންދޫ، ރޯޒްމީޑް ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ ކަށުނަމާދު މިއަދި އިރުއޮށްސި މަޣްރިބް ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ.
ސުލްތާންގެ ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާއިރު އެމްއެމްޑީއެފްއިން ބުނެފައިވަނީ ކަށުނަމާދުގެ އޮންނާނީ މަޣްރިބު ނަމާދަށްފަހު އާސަހަރާ މިސްކިތުގައިކަމަށެވެ. ޖަނާޒާގެ ކަންކަން ކުރިއަށްގެންދާނީ ރަސްމީ އިއްޒަތުގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މީގެއިތުރުން އެމްއެންޑިއެފުން ބުނެފައިވަނީ ސުލްތާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިނުވާކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދާފައިނުވަނީ އާއިލާގެ އެދުމުގެ މަތިންކަމަށްވެސް ބުނެފައިވެއެވެ.
ސުލްތާން ނިޔާވުމާ ގުޅިގެން އެންޑީއޭއިން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ ކުރިއަށްގެންދިޔަ ފިޒިކަލް ޓްރޭނިންއެއްގެ ތެރެއިން ސުލްތާން ވެއްޓުނީކަމަށެވެ. އަދި ސުލްތާން ވެއްޓުމުން ވަގުތުން އޭނާއަށް އެޓެންޑް ވެފައިވާކަމަށެވެ.
2018 އޭޕްރިލް 8 ވަނަ ދުވަހު ސިފައިންގެ ހިދުމަތާ ގުޅިލެއްވި ސުލްތާން ފުރިހަމަ ކުރަމުންދިޔައީ 2021 މާޗް 1 އިން 2024 މާޗް 15 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.