Last Updated: June 12, 22:51
Friday, June 12, 2026
ރިޕޯޓް

މިވެރިން ކުރަން އުޅެނީ ކީއް؟

އައްޑޫ ސިޓީ ކައުންސިލަކީ އައްޑޫގެ ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތް ކުރުމަށް ރައްޔިތުން ހޮވާފައިވާ ކައުންސިލެކެވެ. ބޭނުން ވަނީ ރައްޔިތުންނާއި އައްޑޫގެ ތަރައްގީގައި ބޮޑެތި މަސައްކަތްތަކެއްކޮށް ކުރިއެރުން ހޯދުމެވެ.

ކައުންސިލުން އެކަހަލަ ވިސްނުންތަކާއި ތަސައްވުރު ގެންގުޅޭކަން ފާހަގަ ކުރެ އެވެ. ކައުންސިލްގެ ވާހަކަަތަކުން އެކަން އެނގެ އެވެ. އެހެންވެ ރައްޔިތުން ވެސް ބޭނުން ވަނީ "ކުލަ ނުޖެހޭ ހުވަފެންތަކެެއްގެ" ބަދަލުގައި އަމަލީ ގޮތުން ކަންތައްތައްވާ ތަން ފެނުމެެވެ. އެކަމަކު އެންމެ ބޮޑު ސުވާލަކީ އެކަމަށް ކިހާ މުއްދަތެއް ނަގާނެތޯ އެވެ؟ އަނެެއްކާ ކަމެއް ނުކުރެވި ކައުންސިލްގެ ދައުރު ހަމަވެގެން ހިނގައްޖެ ނަމަ ރައްޔިތުން ކައުންސިލް އިންތިހާބް ކުރި ހަގީގީ މަގުސަދު ހާސިލް ނުވެ "ފެނަށް" ވާނެ އެވެ. އެކަމަކު އެހެން ވާކަށް އައްޑޫގެ ރައްޔިތުން ބޭނުމެެއް ނުވާނެ އެވެ.

ކައުންސިލްގައި ތިއްބެވީ ކޮން ކުލައެއްގެ ކައުންސިލަރުންތަކެެއްތޯ ބަލާކަށް ރައްޔިތުންނަށް މުހިންމެއް ނޫނެވެ. އަނެއްކޮޅުން ނަޝީދުގެ ވެރިކަން ބަދަލުވުމުން "ކަންކަން ހުއްޓިގެން އުޅެނީ" ކަމަށް ބުނެ ރައްޔިތުންގެ ކުރިމަތީގައި ތާކުންކުރެ ތާކު ނުޖެހޭ "އެކްސްކިއުޒްތައް" ދެއްކުމަކީ ދެން ވަރަށް ހެއްވާ ކަމެކެވެ. އެ އޮންނަ ސަރުކާރަކާ ގުޅިގެން ރަައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުމަކީ ކައުންސިލް އަދާ ކުރަން ޖެހޭ ވާޖިބެކެވެ. ޒިންމާއެކެވެ. އެ ކުޅަދާނަ ކަމާއި ހިތްވަރު އައްޑޫ ސިޓީ ކައުންސިލްގައި ހުންނަން ވާނެ ކަމަށް ރައްޔިތުން ގަބޫލް ކުރެ އެވެ.

ސަރުކާރުގެ ވެރިންނާއި މުއައްސަތަކާ އެކު އޮންނަން ޖެހޭ ގުޅުން ބާއްވައި، ކަންކަން ކުރެވޭނެ މަގުފަހި ކުރުމަށް ކައުންސިލަރުން މަސައްކަތް ކުރެއްވުމަކީ އެއްވެސް ހާލެެއްގައި ތިމާމެންގެ ހައިބަތާއި ގަދަރު ކުޑަވާނެ ކަމެއް ނޫނެވެ. އަދި އެއީ އާދޭސްކޮށް ސަލާންޖެހުން ކަމަށް ދެކޭ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އަދި އެއްވެސް ހާލެއްގައި ގަބޫލް ކުރެވޭނެ ކަމެއް ނޫނެވެ.
ރައްޔިތުން ބޭނުން ވަނީ ކައުންސިލަރުންގެ އަމަލީ މަސައްކަތުން އައްޑޫ ރައްޔިތުންގެ ފާގަތި ކަމަށް މަސައްކަތްކޮށް ދެއްވުމެވެ. ނަމެއްގައިި ރައްޔިތުން "ސިޓީއެއް" ވެސް ބޭނުމެއް ނޫނެވެ.

ހަގީގީ ފުރިހަމަ، ސިޓީއަކަށް އައްޑޫ ސިޓީ ހައްދަވައި ދެއްވާށެވެ. އެ ޒިންމާ ރައްޔިތުންގެ ތިބީ އިތުބާރާ އެކު ތިޔަ ކައުންސިލްގެ ކޮނޑުގައި އަޅައިގެންނެވެ. އެ އިތުބާރު ގެއްލުވާ ނުލާށެވެ. އަދި ރައްޔިތުން ލައްވައި އައްޑޫ ސިޓީ ކައުންސިލް އުވާލަން ހުށަހަޅަން ޖެހޭ ހިސާބަށް ކަންކަން ނުގެންދަވާށެވެ. ރަށްރަށުގެ ނަންތަކާއި ރަށްރަށުގެ ސްކޫލްތަކުގެ ނަންތަކާ ކުޅެން ހެދުމަކީ ރައްޔިތުން ބޭނުން ވާނެ ކަންކަމެއް ނޫނެވެ.

ރައްޔިތުންގެ ބިންބިމާއި އިމާރާތްތައް "ހިތުހުރިހާ ގޮތަކަށް" ދޫކޮށް ނަހަދާށެވެ. އެ މަންޒަރު ބަލަން ރައްޔިތުން މަޑަކުން ނުތިބޭނެ އެވެ. ބޮޑު ހަރަދެއްކޮށްގެން ހަދާފައިވާ ސިޓީ ސްކެއާގައި ހުސް ދިދަ ދަނޑިއެއް ބަހައްޓައިގެން ތިބީމާ ފެންނަ މަންޒަރު ރީތިތޯ ވެސް ކައުންސިލުން ވިސްނާނުން ހަމަ އެންމެ ރަނގަޅެވެ.
ހަގީގަތުގައި ދައްކަން މި އުޅޭ ވާހަކައަކީ މިހާތަނަށް ވެސް ކައުންސިލުން ރައްޔިތުންނަށް ބޮޑެތި ހުވަފެންތަކެއް ދަައްކާފައި ވާހަކަ އެވެ. އެކަަމަކު ޕްލޭން ކުރި ބޮޑެތި މުހިއްމު ކަންތައްތައް މިހާތަނަށް ހުރީ ނުކުރެވި އެވެ. އެހެންވެ ކޮންމެހެން "ހުވަފެންތައް" ހުރި ވާހަކަ އެކިއެކި ފޯރަމްތަކުގައި ދައްކާނެ ކަމެއް ނެތެވެ. ބޭނުން ވަނީ އަމަލުން ކަންކަން ކުރެވޭކަން ދައްކާ ކައުންސިލެކެވެ.
ލިސްޓަކަށް ދަމާ ހިނގާށެވެ. ހަމަ ރައްޔިތުންނާ ގުޅުން ހުރި ކަންތައްތަކެވެ. ރައްޔިތުން ނުހަނު ބޭނުންވާ ކަންތައްތަކެެއްގެ ލިސްޓެކެވެ.
އައްޑޫގައި ރޭޑިއޯ ޗެނަލަކާއި ޓީވީ ސްޓޭޝަނެއް ހަދާ ވާހަކަ ކައުންސިލުން ދައްކައިފި އެވެ. މިކަހަލަ ޒަމާނެެއްގައި ހަމަ ވަރަށް މުހިއްމު ދެ ވަސީލަތެވެ. ޒުވާނުން ކުރިއަށް ދާން ޝައުގުވެރިކަން ހުރި ދެ ދާއިރާ އެވެ. އެކަމަކު މިހާތަނަށް އައި އިރު އަމަލީ ގޮތުން އެކަން ހާސިލް ކުރުމަށް ކުރެވުނު މަސައްކަތެެއް ފެންނާކަށް ނެތެވެ. ރައްޔިތުންނަށް އެކަަން ސާފެއް ވެސް ނުކޮށްދެވެ އެވެ. ކުޑަ މިނުން މި އުޅެނީ އައްޑޫން އަައިޑީ ކާޑްގަނޑެއް ވެސް ހަދާލެވޭ ވަރު ނުވެގެންނެވެ. ލައިސަންސް ކާޑް ހެދޭކަން އެއީ ދެން ނަސީބެކެވެ. އެކަމަށްޓަކައި ކައުންސިލަށް "ވަރަށް ބޮޑަށް ޝުކުރިއްޔާ" އެވެ.

އައްޑޫގެ ޓެކްސީތަކުގައި މީޓަރު ބަހައްޓާ ވާހަކައަކީ ވެސް ހަމަ ވަރަށް ފޯރީގައި ކައުންސިލުން ދައްކާފައިވާ ވާހަަކަ އެވެ. އަދި މާ ގިނަ ދުވަސްތަކެެއް ނުވެ އެކަން ތައާރަފު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން ތަކުރާރުކޮށް ބުނެފައިވެ އެވެ. މިއީ ރައްޔިތުން ނުހަނު ބޭނުންވާ ކަމެކެވެ. އެއް ކަމަކީ ޓެކްސީތަކުން އާންމު ރައްޔިތުން މިހާރު "ފެލުމެވެ." އަގު ނެގުމުގައި ހަމައެއް ލަމައެއް ނެތީ އެވެ.
އައްޑުއަކީ އަބަދުވެސް ގިނަ އަދަދަކަށް ޔޮޓް ޒިޔާރަތް ކުރާ އަތޮޅެކެވެ. ދެން ބޭނުން ވަނީ އެ ޔޮޓްފަހަރަށް ހިދުމަަތް ދީ އައްޑޫގެ އިގުތިސާދަށް ފައިދާ ކުރާނެ ފަހި ގޮތްތަކެެެއް ހޯދުމެވެ. އެކަމަށް ބޭނުން ވަނީ ޔޮޓް މެރީނާއެކެވެ. އައްޑު އަށް މެރީނާއެއްގެ މުހިއްމުކަން ބޮޑު ވާހަކައަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ވެސް ދެކެވުނު ވާހަކަައެކެވެ. މިހާތަނަށް ވެސް އެކަން ނުވެ އޮތީ އެވެ.

އެހެން ނަމަވެސް ރައްޔިތުން އުންމީދު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެކަން ވާނެ ކަމަށެވެ. ސަބަބަކީ އެ ދުވަސްވަރު ކައުންސިލަރުން ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުތަކުގައި ވެސް އެ ގައުމުތަކުގައި ޔޮޓް މެރީނާތައް ގާއިމުކޮށްފައިވާ ގޮތާއި އެތަންތަން އޮޕަރޭޓް ކުރާ ގޮތް ބަލަމުން ގެންދާ ވާހަކަ މޭޔަރު އަބްދުﷲ ސޯދިގް(ސޯބެ) ވިދާޅުވެފައިވެ އެވެ. އަދި ސީޝެލްސް ފަދަ ގައުމުތަކަކީ އައްޑޫ ތަރައްގީ ކުރުމަށް ނެގިދާނެ މިސާލުތަކެެެއް ކަމަށް މޭޔަރު ވިދާޅުވެފައިވެ އެވެ. އެކަމަކު އަދިވެސް ޔޮޓް މެރީނާ ވެސް ބިލާހެއްގެ ގޮތުގަ އެވެ.

ޔޮޓް މެރީީނާއެއް ގާއިމު ކުރާނެ ސަރަހައްދެއް ކަނޑައަޅައި، އެ މެރީނާ އޮންނާނެ ގޮތުގެ ހިޔާލީ ކުރެހުން ވެސް މީގެ ކުރިން "ވިޝަން އައްޑޫ" ތެރެއިން ރައްޔިތުންނަސް ފެނިގެން ގޮސްފައިވާނެ އެވެ. ހަނދާންތައް އާކޮށްލަން ބޭނުން ނަމަ "ބޮޑު ހަރަދެއްކޮށްގެން" ދިވެހި ބަހުންނާއި އިނގިރޭސީ ބަހުން އެކުލަވާލި "ވިޝަން އައްޑޫ" ގެ ސޮފްހާތައް އުކައިލާާށެވެ.

ރައްޔިތުން ހިތް އުފާކޮށް މަޖާކޮށް ހަދާލަން ދާނެ ޕިކްނިކް ސަރަހައްދެއް އައްޑުއަކު ނެތެވެ. ކައުންސިލަށް ވެސް އެކަން ފާހަގަ ކުރެވިގެން 2011 ގެ ތެރޭގައި އައްޑޫގެ ހަތަރު ސަރަހައްދެއް ޕިކްނިކަށް ހާއްސަ ކުރުމަށް ނިންމި އެވެ. އޭގެ ތެރޭގައި ހިތަދޫ ކުޑަ ކުދިންގެ ޕާކް ކުރިމަތިން އޮންނަ މޫދު ސަރަހައްދާއި ގައުކެނޑި ސަރަހައްދާއި ފޭދު އާއި ގަމާ ގުޅޭ ހިސާބާއި ހުޅުމީދޫ މާފިށި ސަރަހައްދު ހިމެނެ އެވެ.

މިތަންތަން ޕިކްނިކް ސަރަހައްދުތަކުގެ ގޮތުގައި ތަރައްގީކޮށް ބަލަހައްޓައި ހިންގާނެ ފަރާތްތަކެއް ހޯދުމަށް 2011 ވަނަ އަހަރު އެއް ފަހަރަށް ވުރެ ގިނައިން އިއުލާން ވެސް ކުރި އެވެ. އެކަމަކު ކައުންސިލުން ބުނިގޮތުގައި އެކަށީގެންވާ އިޖާބައެއް އެކަމަކަށް ނުލިބުނެވެ. އެކަމަކު މިހާރު މިކަން ކައުންސިލް ހަނދާން ހުރިކަމާ ދޭތެރޭ ވެސް ސުވާލު އުފެދެ އެވެ.

ދެން އޮތީ އައްސޭރި ޓޫރިޒަމްގެ ވާހަަކަ އެވެ. ހުޅުމީދު އާއި އައްޑޫގެ ގުޅިފައިވާ އެހެން ރަށްތަކުގެ ތެރޭގައި ހުރި ފަޅު ރަށްތަކުގެ ތެރޭގައި އައްސޭރި ޓޫރިޒަމް ތަރައްގީ ކުރުމަށް ނިންމައި މިދިޔަ އަހަރުތެރޭ ވެސް، އެކަމުގެ ކޮންސެޕްޓް ޕްލޭން ހަދާނެ ބަޔަކު ހޯދުމަށް އިއުލާން ކުރި އެވެ.

ނަމަވެސް އެ ވެސް މިހާރު ނުދައްކާ ވާހަކައެއްގެ ގޮތުގައި އޮތީ އެވެ. މީގެ އިތުރުން އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު(އީސީސީ) އާ އެކު އެތަން ހިމެނޭ ސަރަހައްދު "ހައްދޫ" ކިޔާ ފަޅު ރަށެއްގެ ގޮތުގައި ހަމަޖައްސައި، މަދުވެގެން 100 ކޮޓަރީގެ ސިޓީ ހޮޓަލެެއް ތަރައްގީ ކުރުމަށް ދައްކާ ވާހަކަ ވެސް ހަމަ "ވާހަކައެއް" ގެ ގޮތުގައި އޮތީ އެވެ.
ދެން އޮތް އަނެެއް ވާހަކައަކީ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދުގެ ބޮޑު "ހުވަފެނެ"ވެ. ކައުންސިލް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު، ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އަމާޒަކީ ކައުންސިލްގެ ދަައުރުގައި ހުޅުމީދު އަށް ބޮޑު ބަދަލެއް ގެނައުން ކަމަށެވެ.

އެ ބަދަލަކީ އެކިއެކި ސަބަބުތަކާ ހެދި ރަށުން މާލެ އަށް ހިޖުރަކޮށްފައި ތިބި އެތައް ބަޔަކު އަނބުރާ ރަށަށް ގެނައުމެވެ. އެކަމުގެ ކައުންސިލަށް މިވީ މުއްދަތުގެ ތެރޭގައި އެ ބުނާ "ދިރުމެެެއް" ހުޅުމީދުއަކަށް އައިސްފައިވާ ތަނެއް ނުފެނެ އެވެ. ހަ ފަރާތުން މިހާރު ވެސް ފެންނަނީ ފަޅުކަމާއި ވީރާނާކަމެވެ.
ސުވާލަކީ އެ ލަނޑުދަނޑި ހާސިލް ކުރުމަށް ޝާހިދު މިހާތަނަށް ކުރީ ކޮން މަސައްކަތެއްތޯ އެވެ؟ އެކަމަށް ދެއްވާނެ ޖަވާބެއް އޮތް ނަމަ ރައްޔިތުންނަށް ޖަވާބުދާރީވެ ވަޑައިގަންނަވާށެވެ.
މި ވާހަކަ ދައްކައި އަދި ނިމުކީނީ ނޫނެވެ. ދައްކަން ވެއްޖިއްޔާ ހުރީ ހުސް ދައްކަން ޖެހޭ ވާހަކަތަކެވެ. ހަމަ ރައްޔިތުންގެ ކަންބޮޑުވުންތަކެެވެ. އެެހެންވެ މިއީ އަދި ފެށުމެކެވެ.