Last Updated: July 21, 18:02
Tuesday, July 21, 2026
ކުޅިވަރު

މެސީގެ ގޯލާއެކު ޕީއެސްޖީން ސިޓީ ބަލިކޮށްފި، ރެއާލަށް ލަދުވެތި ބައްޔެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިއޮނަލް މެސީގެ ގޯލާ އެކު ޕީއެސްޖީން 2-0 އިން މެންޗެސްޓާ ސިޓީ ބަލިކުރިއިރު، މުޅިން އަލަށް ޗެމްޕިއަންސް ލީގުގައި ކުޅޭ މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލުން ރެއާލް މެޑްރިޑް އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 8 ވަނަ މިނެޓްގައި އިދްރީސާ ގާނާ ގޭއި ވަނީ ޕީއެސްޖީ އަށް ލީޑު ނަގާދީފައެވެ. ނަތީޖާ އެއްވަރުކޮށްލަން ސިޓީގެ ބަނާޑޯ ސިލްވާ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ އަށް އެ ބޯޅަ ވަނީ ގޯލަށް ފޮނުވާލެވޭ ގޮތް ނުވެފައެވެ.

މި މެޗުން ޕީއެސްޖީ އަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. މެސީ މި ގޯލު ކާމިޔާބުކުރީ ކިލިއަން އެމްބާޕޭ ދިން ޕާހަކުން ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. މިއީ ޕީއެސްޖީ އަށް ބަދަލުވިފަހުން އެޓީމަށް މެސީ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖް ވަނީ 2-1 އިން ޖަރުމަނުގެ އާރްބީ ލައިޕްޒިގު ބަލިކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ތަށި 13 ފަހަރު ހޯދާފައިވާ ރެއާލްގެ ދަނޑުގައި ކުޅެ އެޓީމުގެ މައްޗަށް މޮލްޑޯވާގެ ޝެރިފް މޮޅެއް ހޯދީ ފަހު ވަގުތު ޖެހި ގޯލުންނެވެ. އެގޮތުން މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް ޝެރިފް އިންނެވެ. ޝެރިފަށް ލީޑުނަގައިދިނީ ޖަސުރްބެކް ޔަކްޝިބޮއޭވް އެވެ.

މެޗުގެ 65 ވަނަ މިނިޓްގައި ރެއާލަށް ޕެނަލްޓީ އަކުން އެއްވަރުކޮށްދިނީ ކަރިމް ބެންޒެމާ އެވެ. ނަމަވެސް މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އޭރިއާބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ޝެރިފް މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ ސެބަސްޓިއަން ތިލް އެެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލިވަޕޫލް އިން ވަނީ ޕޯޓޯގެ މައްޗަށް 5-1 އިން މޮޅުވެފައެވެ. އަދި އޭސީ މިލާންގެ މައްޗަށް 2-1 އިން އެތްލެޓިކޯ މެޑްރިޑުން ކުރި ހޯދިއިރު އަޔަކްސް އިން ވަނީ 2-0 އިން ބެސިކްޓާސް ބަލިކޮށްފަ އެވެ. އަދި ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން ވަނީ 1-0 އިން ސްޕޯޓިން ލިޒްބަން ބަލިކޮށްފަ އެވެ.