Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

ސިއްރުން ކަންކަން ބެލޭގޮތަށް އޮތް ގަވައިދު މުރާޖާ ކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިނުގަތް

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ ހަރުކޮށްގެން ހިނގާ ކަންކަން ފުލުހުންނަށް ސިއްރުން ބެލޭގޮތަށް އެކުލަވާލާފައިވާ "ތަހުގީގުކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވައިދު" މުރާޖާ ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއެވެ. ސައީދު ހުށަހެޅި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ ހަތް މެމްބަރުންނެވެ. އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށް 22 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

ސައީދު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ތަޙުޤީޤުކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ޤަވައިދު ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ބައެއް އަސާސީ ހައްޤުތަކާއި މިނިވަންކަމާއި ތަޢާރަޒު ވާކަމަށެވެ.

އަދި މި ޤަވައިދުގެ ދަށުން ފަރުދުންގެ ޒާތީ ދިރިއުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭތީއާއި، ފަރުދުންގެ އަމިއްލަ ހުރިހާ ހަރަކާތްތައްބަލާ ޗެކްކޮށް ފާރަލުމާއި، ކެމެރާއާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފާރަލުމާއި، އަދި އާޓިފިޝަލް އިންޓެލިޖެންސް ވަސީލަތްތައް ބޭނުންކޮށްގެން ފަރުދުންގެ މައުލޫމާތުތައް ހޯދާ އެފަދަ ކަންކަމުގައި ބައިވެރިކޮށްގެން ކުށަށް އަރައިގަތުމަށް ފުރުސަތުލިބޭފަދަ ކަންކަން ހިމެނޭތީ، މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ހައްޤަށް އަރައިގަތުންކަމަށް ދެކޭކަމަށްވެސް ސައީދުގެ މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން މި ޤަވައިދު އަލުން މުރާޖައާ ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ތަހުގީގު ކުރުމުގެ ޚާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވާއިދު ބުނާގޮތުން، ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބެލުމަށް އެ މީހުން ސިއްރުން މޮނީޓާ ކުރުމާއި ގޭގެއާއި އުޅަނދުތަކުގައި ކެމެރާ އަދި އެހެންވެސް ވަސީލަތްތައް ހަރުކޮށްގެން އެ މީހުން ދައްކާ ވާހަކަ އަޑުއެހުމާއި ބެލުމުގެ އިތުރުން މުއާސަލާތީ ހުރިހާ ވަސީލަތްތަކެއް ބެލުމުގެ ބާރާއި ކުށް ކުރަނިކޮށް އަތުލައިގަތުމަށްޓަކައި ސްޓިން އޮޕަރޭޝަން ހިންގުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންވާކަމަށެވެ.

ގަވައިދުގައި ވާގޮތުން ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ އާއި އެހެން ވަސީލަތްތައް ހަރު ކުރުމާއި މުއާސަލާތީ ވަސީލަތްތައް އަޑުއެހުމާއި ބެލުން ފަދަ ކަންކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މީގެ އިތުރުން މައްސަލައެއްގައި ތުހުމަތެއް ކުރެވޭ މީހަކާ ގުޅުމެއް އުފައްދައިގެން އޭނާއާ ސުވާލުކޮށް، މައުލޫމާތު ހޯދުމާއި އެހެން މީހަކަށް ހެދިގެން މުއާމަލާތު ކުރުން ފަދަ ކަންކަން ކުރުމުގެ ހުއްދަވެސް ފުލުހުންނަށް މި ގަވައިދުގެ ދަށުން ލިބިގެންދެއެވެ. އެހެންނަމަވެސް އެކަމަކީ، ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމާއި ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ބޭނުންކުރެވޭނެ ކަމެއްކަމަށްވެސް ގަވައިދުގައި ބުނެފައިވެއެވެ.