އެހެން ދީންތަކުގެ މީހުންނަށް ރާއްޖޭގައި "ނަމާދުކޮށް" އުޅެވެންވާނެކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިފަދައިން ވާހަކަ ދައްކަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެއްކާބެހޭ ބިލަށް ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ހެއްކާބެހޭ ބިލަށް ވާހަކަ ދައްކަމުން ޖާބިރު އެންމެފުރަތަމަ ވަނީ ހޮނޑައިދޫން އޭނާ ހައްޔަރުކޮށް ޖަލުހުކުމް އިއްވުމުގައި ކަންހިނގާދިޔަ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާއާ ދެކޮޅަށް ބޭނުންކުރި ހެކި ސިއްރުކުރި ކަމަށް ވިދާޅުވިއެވެ.
ދެން ޖާބިރު ވާހަކަ ދައްކަމުން ވަނީ ރާއްޖޭގައި އެހެންދީންތަކަށް ފުރުސަތު ދޭންޖެހޭ ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކާފައެވެ. އެގޮތުން ޖާބިރު ވަނީ ރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށްވެސް އަޅުކަން ކުރެވެންޖެހޭކަމަށާއި، ރާއްޖޭގައި "ޔުނިވާސަލް ޕްރެކްޓިސްއެއް" އޮންނަން ޖެހޭ ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކާފައެވެ.
"ޝަރީއާ ތަހުޒީބު، ގުރުއާން ތަހުޒީބު، ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅާއެކު އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނުއެއްނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް، لَكُمْ دِينُكُمْ وَلِيَ دِينِ، މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުންނަށް އައިސް ނަމާދުކޮށް މިތާގައި އުޅެވެން ވާނެ އޭ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއޭ"
މީގެއިތުރުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަމުން ޖާބިރު ވަނީ އޭނާއަށް މަތިވެރިން ހަމަލާދިން މައްސަލަ ތަހުގީގު ކުރުމަށްވެސް ގޮވާލާފައެވެ.
މިފަހަކަށްއައިސް ޖާބިރުގެ އުޅުމަށް ބޮޑު ބަދަލެއް އައިސްފައިވެއެވެ. އެގޮތުން މިފަހުން މަޖިލިސް އިދާރާ ކުރިމަތީ އޮށޯވެގެން އޮވެ ހަޅޭލެވުމާއި މާލޭގައި އެކި ތަންތަނުގައި ހަޅޭލަވާ އުޅޭ މަންޒަރު ފެންނަ އަދި ރާއްޖެއިން ބޭރުގައިވެސް އެކި ގޮތްގޮތަށް އުޅޭ ވީޑިއޯތައްވެސް އާންމުވެފައިވެއެވެ.