Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

އެމްޑަބްލިއުއެސްސީ ޝޯރޫމްއަށް 5 އަހަރު، ކަސްޓަމަރުންގެ އަގު ވަޒަންކޮށްފި

އެމް.ޑަބްލިޔު.އެސް.ސީ ޝޯރޫމަށް 5 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، ޝޯރޫމް ކަސްޓަމަރުންގެ އަގު ވަޒަން ކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

މިހަފްލާގައި ޝޯރޫމުން ވިޔަފާރިކުރައްވާ ތަފާތު އެކި އެކި ދާއިރާތަކުގެ ކަސްޓަމަރުން ބައިވެރިވިކަމަށާއި، މީގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީގެ ޗެއާރމަން އަހުމަދު މައުސޫމާއި، މެނޭޖިން ޑިރެކްޓަރ ހަސަން ޝާހުއާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އަދި ކުންފުނީގެ އިސް ބޭފުޅުންނާއި މުވައްޒަފުންވެސް ބައިވެރިވިކަމަށް އެމްޑަބްލިއުއެސްސީން މައުލުމާތުދެއެވެ.

އެމް.ޑަބްލިއު.އެސް.ސީ ޝޯރޫމުން ދަނީ ފެނާއި ނަރުދާމާގެ ދާއިރާއާ ގުޅުންހުރި، ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ބްރޭންޑްތަކުގެ ޕްރަޑަކްޓްސްތައް ފަސޭހަކަމާއެކު އެއްފުރާޅެއްގެ ދަށުން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި މިކުންފުންޏަކީ މިބްރޭންޑްތަކުގެ ސޯލް ޑިސްޓްރިބިޔުޓަރެވެ.

ޝޯރޫމުން ލިބޭ ޕްރޮޑަކްޓްސްތަކުގެ ތެރޭގައި އާރް.އޯ.ޕްލާންޓް، މެމްބްރޭންސް، ޕަމްޕްސް، ޓޭންކް، ޕައިޕްސް އަދި ފިޓިންގސް، ފެން މީޓަރާއި އެހެނިހެން ސްޕެއަރ ޕާޓްސް ހިމެނެއެވެ. މީގެ އިތުރުން ޝޯރޫމް މެދުވެރިކޮށް، އެމް.ޑަބްލިޔު.އެސް.ސީގެ އައި.އެސް.އޯ 2005:17025 ސްޓޭންޑަރޑްގެ ލެބޯރެޓަރީ އިން، ރިޒޯޓުތަކާއި، ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް، ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުން އާދެއެވެ.

މިހަފްލާގައި ޝޯރޫމުން ދިގު މުއްދަތަކަށް ވިޔަފާރި ކުރަމުންދާ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން، 10 ކަސްޓަމަރަކަށް 10,000 ރުފިޔާގެ ވައުޗަރއެއްވެސް ވަނީ ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން އަހަރީ ދުވަހާ ގުޅުވައިގެން 28 ސެޕްޓެމްބަރ 2021 އިން ފެށިގެން 30 ނޮވެމްބަރ 2021 ގެ ނިޔަލަށް، ޝޯވްރޫމުން ބައްލަވައިގަންނަ ކޮންމެ ވޯޓަރ މީޓަރު އަދި ފެން ޓެސްޓް ކުރުމުގެ ޚިދުމަތަކުން 10% ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން އެއްވެސް ތައާރަފްކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑްބްލިއުއެސްސީގެ އެމްޑީ ޝާހު ވިދާޅުވީ ޝޯރޫމަށް 5 އަހަރު ވެގެންދިޔައިރު ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންގެންދަނީ ދިވެހިރާއްޖޭގެ ސިނާއީ ދާއިރާއާއި ގުޅުންހުރި ގިނަ އުފެއްދުންތަކެއް އެއްފުރާޅެއްގެ ދަށުން ބާޒާރަށް ނެރެ، ދުނިޔޭގައި ނަންހިނގާ މަޝްހޫރު ބްރޭންޑްތައް ދިވެހިންނަށް ވީހާވެސް ކައިރިން ިލބޭނޭގޮތް މަގުފަހި ކޮށްދިނުމަށް ކަމަށެވެ. އަދި ޝޯވްރޫމްގެ ވިޔަފާރި އިތުރަށް ތަރައްގީކޮށް، ކައިރި މުސްތަޤްބަލެއްގައި އިތުރު ބްރޭންޑްސްތަކާއި ޕްރޮޑަކްޓްތައް މަގުފަހި ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއި އެކު، ޝޯރޫމުން ދޭ ޚިދުމަތްތައް ވީހާވެސް ކައިރިން ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށްޓަކައި، ޑިޖިޓަލް ޚިދުމަތްތަށް ތައާރަފް ކުރެވިގެން ދާނޭކަމަށްވެސް ވިދާޅުވިއެވެ.