ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ ސެކްރަޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް މީހުުން ނުލިބުމުން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެސްޖީން ހޯދުމަށް އިއުލާނުކޮށްފައިވަނީ 74 ރަށެއްގައެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށެވެ.
ވަޒީފާގެ ފުރުސަތު – ރަށު ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޯދުމަށް: https://t.co/jiK14R7hwx pic.twitter.com/LjX0uyZCLr
— Civil Service Commission of the Maldives (@cscmaldives) September 29, 2021
ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 12،130ރ. އެވެ. އެ މަގާމަށް އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ. ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭނެ އެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.