Last Updated: May 18, 00:39
Friday, May 17, 2024
ކޮލަމް

ސިޔާސީ "ގަޅިން"

ފާއިތުވި ދެ ގަރުނުގެ ތެރޭގައި އިންސާނުން އަނެކާގެ މައްޗަށް އަމުރު މަޢުރޫފު ހިންގުމަށްޓަކައިނުވަތަ ވެރިކަން ކުރުމަށްޓަކައި އޮތްއެންމެ ފުރިހަމައަދި އެންމެ އަދުލުވެރި އިންސާފުވެރި ގޮތަކީ ކޮބައިކަން ހާމަކޮށްދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތުން އާދައިގެ ރައްޔިތުމީހާ އަށް ވާނުވާ ނޭގޭކަހަލައެވެ.

ހަގީގަތަކީ ބާރުގަދަ މަދުމީސްކޮޅެއް ގިނަބައެއްގެ މައްޗަށް ވެރިކަންކުރަމުންދަނީ ކުރީޒަމާނުގައި ފިރުޢައުނު ނުވަތަ ކިސްރާ އާއި ޤައިސަރު ރަސްކަން ކުރިބީދައިންނެވެ. ނުވަތަ މިޒަމާނުގައި އާރމީ ޑިކްޓޭޓަރަކު ވެރިކަން ކުރާއުސޫލުންނެވެ. އެކަމަކު މިނިޒާމަށްދެވިފައިވާ ރީތިނަމަކީ "ރައްޔިތުންގެ ޑިމޮކްރެޓިކް ވެރިކަމެވެ." މުޅިދުނިޔޭގައި މިނިޒާމުގެ ފޮނިމީރުކަން ހާމަކޮށްދިނުމަށްޓަކައި ސިޔާސީ މުފައްކިރުންނާއި ،މުދައްބިރުން މަސައްކަތް ކުރަމުންދާއިރު އާބާދީގެ ބޮޑު ބައެއް މިނިޒާމަށް "އަޢުލަބިއްޔަތުގެ އަނިޔާ" ގެނަމުން ނަން ކިޔައެވެ.

"އަޢުލަބިއްޔަތުގެ އަނިޔާ" އެހެން އިބާރާތަކުން ދަންނަވާނަމަ 51% ގެ މެޖޯރިޓީމީހުން 49% ގެމައިނޯރިޓީ މީހުންގެ މައްޗަށް ވެރިކަން ކުރުމެވެ. ވެރިކަންކުރުމުގެ މިނިޒާމަކީ ވަރަށްނުރައްކާތެރި އަދި އެހާމެ ގެއްލުން ހުރި ނިޒާމެކެވެ. އަދި އެއަށް އެއްވެސް ކަހަލަ ފަރުވާއެއް މިނިޒާމުގެ ތެރެއިން ލިބެން ނެތްކަމީ އެންމެ ބޮޑު ގެއްލުމާ ކުރިމަތިލާނެޖެހޭ ސަބަބެވެ.

ދުނިޔޭގައި ހިގަމުން އަންނަނީ ދެވައްތަރެއްގެ ޚުދުމުޚުތާރު ވެރިކަމެކެވެ. ފުރަތަމަ ވައްތަރަކީ އަސްކަރީ ބާރުބޭނުން ކޮށްގެން ރައްޔިތުންގެ މައްޗަށް ޚުދުމު ޚުތާރު ވެރިކަން ކުރުމެވެ. އަސްކަރީޖެނެރަލުން ހިންގާވެރިކަމެވެ. ކުރީޒަމާނުގައި ޗަންގޭޒުޚާން އާއި ހަލާކޫ ފަދަބޭފުޅުން ވެރިކަންކުރި ގޮތެވެ.

އެބޭފުޅުން އަސްކަރީ ބާރުބޭނުންކޮށްގެން ތަންތަން ފަތަހަކުރަމުން ގެންދިޔައެވެ. އަދި އެތަންތަނުގައި އެމީހުންގެބާރު ގަދަކަމުންދެމެހެއްޓިއެވެ. އެފަދަ ޑިކްޓޭޓަރުންނަށް ޘަނާކިޔުމަށާއި ޚުޝާމަދު ކުރުމަށް އެތައްހާސް ބަޔަކުތިބެއެވެ. މިއެންމެންނަކީ އެވެރިންގެ ސިފައިންނާއި އެމީހުންގެ އާއިލާމީހުންނެވެ. އަނެއްބައިމީހުންނަކީ ވެރިކަމުގެ މަތީމަގާމުތަކުގައި ތިބޭމީހުންނާއި މާލީ ބޮޑެތި އިނާޔަތްތައްލިބޭ މީހުންނެވެ. މިފަދަވެރިކަމެއްގައި ރައްޔިތުންގެ މެޖޯރިޓީ، ތިމާމެންގެ ނިކަމެތިކަން އަމިއްލައަށް އިޙުސާސްކުރެވޭތީ މަޖުބޫރީ ހާލަތުގައި ތިބެނީ ހަނުހިމޭނުންނެވެ.

ތަގުދީރުގައި ތިމެންނަމެންނާމެދު ލިޔެވިފައިވަނީ މިފަދައިންކަމަށް ގަބޫލު ކޮށްގެންނެވެ. އެބައިމީހުންގެ ސިކުޑިތަކުގައި އުފެދޭ އަލިފާން ކެކިއަރައަރާ ހާލުގައެވެ. ބައެއްފަހަރު މިއަލިފާންގަޑު ފަޅައިގެންދާފަހަރުވެސް އާދެއެވެ. ކުރީގެދެންނެވުނު ޑިކްޓޭޓަރުންނަށް ނަފުރަތުގެ އިނގިލި ދިއްކޮށް ތަފާތު ނަންނަމުން ގޮވުންވަނީ ވަރަށް އާއްމުކަމަކަށް ވެފައެވެ. މިރާއްޖޭގައި އެންމެފަހުން ވެރިކަންކުރި ދެ ރައީސުންނަށް ވެސް ދިމާވެފައިވަނީ މިފަދަހާލަތެކެވެ. އެބޭފުޅުންގެ ވެރިކަމުގައި އެފަދަވަރެއްނެތެވެ. ވެރިކަން ގެއްލުމާއެކު އެއިރު އެބޭފުޅުންނަށް ޚުޝާމަދު ކުރިފަރާތްތައްވަނީ އެއްފަރާތަށްޖެހިފައެވެ. މިއީ ޑީކްޓޭޓަރުންގެ ނިޝާންތަކެވެ.

ދެންބަލަމާ ޑިމޮކްރެޓިކް ނިޒާމެއްގައި އަޢުލަބިއްޔަތު އޮންނަމީހުންގެ އަނިޔާވެރިކަމާއި އަދުލުއިންސާފުން އެއްކިބާވެގެން ކަންތައްކުރާމިންވަރު، މިފަދަ ނިޒާމެއްގައި މައިނޯރިޓީންގެ އަޑެއްނިއިވޭނެއެވެ. ޑިމޮކްރެޓިކް ނިޒާމެއްގައި ވަރަށް ޚާއްސަ ބަޔަކު ތިބޭނެއެވެ. މިފަދަ މީހުންނަށް ސިޔާސީއަދި އިޖުތިމާޢީ ދުނިޔޭގައި ބޭނުންކުރެވޭ ބަހެއްއޮވޭ އެއީ "ސިޔާސީ ގަޅިން" ނެވެ. ސިޔާސީ ޓާކުރުން ހާމަކުރާ ގޮތުގައި ޑިމޮކްރެޓިކް ނިޒާމެއްގައި ސިޔާސީގަޅިންގެ އެތައްވައްތަރެއް ވެއެވެ. މީގެތެރެއިން ބައެއްމީހުންނަކީ ތަނެއްދޮރެއް ނުދަންނަ ޖާހިލުންނެވެ.

އަނެއްބަޔަކީ ކިޔަވައިގެން ތިބި ތަންދޮރުދަންނަ މީހުންނެވެ. އަނެއްބަޔަކި ތިމާގެ އަމިއްލަމަސްލަހަތު ކޮންމެކަމެއްގައި އިސްކުރާ މީހުންނެވެ. ހަތަރުވަނަ ވަތްތަރަކީ ކަނުލޯބި ޖެހިފައިތިބޭ މީހުންނެވެ. ދުނިޔޭގެ ކޮންމެތަނެއްގައި ޑިމޮކްރެޓިކް ވެރިކަމެއްގާއިމުކުރިކަމުގައި ވިޔަސް އެތަނެއްގައި ކުރީގައި މިދެންނެވި ސިޔާސީ ގަޅިން ތައްޔާރުކުރާނެއެވެ. މިފަދަ ސިޔާސީ ގަޅިން ތައްޔާރުކުރުމަށް ބޭނުންކުރާ އެންމެ ބޮޑު ވަސީލަތަކީ މީޑީއާ އެވެ. މީޑީއާގެ ޒަރިއްޔާއިން ހުރިހާ ފަންތިއެއްގެ މީހުން ސިޔާސީ ގަޅިންނަށް ބަދަލުކުރުމަކީ އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކުގައި ވެސް ބޭނުންކުރެވޭ އެންމެ ބޮޑު ހަތިޔާރެވެ. މިކުޑަ ދިވެހިރާއްޖޭގައި ވެސް އެކަން އޮތީ އެގޮތަށެވެ.

މީޑިއާތަކުން ފަތުރަމުން ގެންދާ ޕްރެޕަގެންޑާ ގައިޖެހިގެން ސިޔާސި ގަޅިއަކަށް ބަދަލުވެއްޖެނަމަ ކިތެންމެ ބޮޑު ތެދު ހަގީގަތެއް ކުރިމަތިން ފެންނަން އޮތްކަމުގައި ވިޔަސް އެއީ ތެދު ހަގީގަތެއްކަން އޭނައަށް ގަބޫލު ނުކުރެވޭނެއެވެ. ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ޔަހޫދީން އަނިޔާ ކުރޭތޯ ނުވަތަ އަފުޢާނިސްތާނާއި އިރާގުގެ މުސްލިމުން ގަތުލުކޮށް އެގައުތައް ސުންނާފަތިކުރީ އެމެރިކާ މީހުންތޯ އެމެރިކާމީހުންކާރިން އަހައިފިނަމަ 99% މީހުންގެ ޖަވާބަކަށްވާނީ ނޫނެކެވެ. އެމީހުންބުނާނީ އެގައުމުތަކުގައިތިބީ ޓެރަރިސްޓުން ކަމަށެވެ. އެމެރިކާމީހުން އެތަނުގައި ސުލްހަ ގާއިމުކުރަނީ އެވެ.

އެތަނެއްގައި ސިޔާސީ ގަޅީންގެ މެޖޯރިޓީ އޮވެއްޖެނަމަ ހައްގުބާތިލަށް ބަދަލުވެ ބާތިލް ހައްގަށް ބަދަލުވެގެންދާނެއެވެ. އަޅުގަޑުމެންގެ މިގައުމުން ވެސް އެކަން ފެންނަން އެބައޮތެވެ. އަމިއްލައަށް ވެރިކަމުން އިސްތިއުފާދިން ކެނެރީގެ ނަޝީދު 7 ފެބުރުއަރީ 2012 ގައި އަމިއްލައަށް މީޑިއާ ކުރިމަތީގައި އިސްތިއުފާ ދިނުމުމަށްފަހު ޖެހިގެންއައި ދުވަހު ތިމެންނަ އިސްތިއުފާދިނީ މަޖުބޫރު ކޮށްގެން ބިރުދައްކައިގެންނޭ ވިދާޅުވާއިރަށް ނަޝީދާއެކު ތިބި ސިޔާސީ ގަޅިން އެކަން ވަގުން ގަބޫލުކުރީ އެވެ. ހަމަ އެދުވަހު ނުކުމެ ގައުމުގެ ތަންތަން ރޯކޮށް ޖައްވަށް އަލި ދައްކާލުމުން އަތޮޅުބޭރުގައި ތިބި އިގިރޭސި މަނަވަރުތައް އައިސް ތިމެންނަމެނަށް ވެރިކަން އަލުން ހޯދައިދޭނެކަމަށްބުނުމުން ތަންތަން ރޯކޮށް، އިޢާދަނުކުރއެވޭވަރުގެ ބޮޑެތި ގެއްލުން ގައުމަށްދިނީ އެވެ. ގައުމުގައި ތިބި މަޢުސޫމު ދަރިންތަކެއްގެ ފުރާނަ ދުއްވާލުމަށް އެދިއްޖެނަމަ އެކަންކުރާކަށްވެސް ފަސްނުޖެހޭނެކަންކަށަވަރެވެ.

ކަޅުއަނދިރިރެއެއްގައި މިހިރީ އިރޭ މީ ދުވާލު މެންދުރޭ ބުނެފިނަމަ ދެލޯމަރައިގެން އެކަންވެސް ގަބޫލުކުރާނެކަން ޔަގީނެވެ. މިފަދަކަންކަމުން ތިމާގެ އަމިއްލަނަފުސަށާއި ތިމާގެ އާއިލާއަށް އަދި މުޅި ގައުމަށް ލިބޭ ގެއްލުމަކަށް ބެލުމެއްނެތެވެ. މިފަދަ މީހުންނަކަށް "ސިޔާސީ ގަޅިން" ފިޔަވައި ދެންކިޔާނެ އެހެންނަމެއް އަޅުގަޑުގެ ކޮށި ވިސްނުމަކަށް ނުވިސްނެއެވެ.